ތަރައްްޤީ

އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ޑިސެމްބަރަށް ނިންމާލެވޭނެ - އެމްއޭސީއެލް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރުމަހަށް ނިންމާލެވޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ވިދާޅުވެއްޖެއެވެ.

ވީ.އައި.އޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން ހުޅުލޭގައި ޢިމާރާތްކުރާ އައު ސީޕްލޭން ޓަރމިނަލަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރަމުންދާ ޓަރމިނަލެކެވެ. މި ޓަރމިނަލް ޢިމާރާތްކުރުމަށް ހުޅުލޭގެ ފަޅުން 3.5 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާފައިވާއިރު، ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ކުރަމުންދަނީ އައު ރަންވޭގެ މަސައްކަތްވެސް ކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީންނެވެ.

އެމް.އޭ.ސީ.އެލުން ބުނީ އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތުގެ ހަތްދިހަ ތިނެއް އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ކަރަންޓް ވަޔަރކުރުމާއި، ފިޔުލް ޕައިޕްލައިންތައް ހަރުކުރުމުގެ އިތުރުން އިންޓީރިއަރ ފިނިޝިންގ މަސައްކަތްތަކުގެ އިތުރުން އިމާރާތުގެ ބޭރުން ފަސާޑުޖެހުމުގެ މަސައްކަތްކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ. އަދި މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެއެވެ.

އަށާވީސް ހާސް އަކަމީޓަރުގެ ޖާގައިގެ ފްލޯރ ސްޕޭސްއަކާއެކު 4 ފަންގިފިލާއަށް ތަރައްޤީކުރާ އައު ސީޕްލޭން ޓަރމިނަލުން ވީ.ވީ.އައި.ޕީގެ ޚިދުމަތާއި، ޕަސެންޖަރުންނަށް ޙާއްސަ ލޮބީތަކާއި ލައުންޖްތަކުގެ އިތުރުން އޮފީސް މަސައްކަތަށް ޙާއްސަ ތަނެއްވެސް ހުންނާނެއެވެ. އަދި ސީޕްލޭންގެ އޮޕަރޭޝަންތަކަށް މިހާރު ބޭނުންކުރާ ޑޮކްތަކުގެ ޖާގަ ފަންސާސް އިންސައްތަ އިތުރުވެ، އަށްޑިހަ ފަސް ސީޕްލޭންނަށް އޮޕަރޭޓްކުރެވޭނެކަމަށްވެސް އެމް.އޭ.ސީ.އެލުން މަޢުލޫމާތުދެއެވެ.

ސީޕްލޭންގެ ޚިދުމަތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ބޮޑު ޑިމާންޑެއް އޮންނަ ޚިދުމަތަކަށްވެފައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ސީޕްލޭންގެ ޚިދުމަތްދޭ ކުންފުނިތަކުން އަންނަނީ ސީޕްލޭންތަކުގެ އަދަދު އިތުރުކުރަމުންނެވެ.