ޚަބަރު

ވެސްޓް ޕާކް ސަރަހައްދު ތަރައްޤީކުރުމަށް ފެންހިންދާ ނިޒާމުގެ ޤާއިމްކުރަން ފަށައިފި


  • ވެސްޓްޕާކް ސަރަހައްދުގެ މަގުގެ އެއްފަޅި ވަނީ ބަންދުކޮށްފައި

  • އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް ތަރައްޤީކުރާނެ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން ވެސްޓް ޕާކް ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ކުރުމަށްޓަކައި ވެސްޓްޕާކް ސަރަހައްދުގެ މަގުގެ އެއްފަޅި ވަނީ ބަންދުކޮށްފައެވެ. ވެސްޓް ޕާކް ސަރަޙައްދަކީ މާލޭގައި އެންމެ އަވަހަށް ފެންބޮޑުވާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަޙައްދެވެ.

އެމްޓީސީސީން ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން ވެސްޓް ޕާކް ސަރަޙައްދުގައި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުވެސް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.

މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ދެން ތަރައްޤީކުރާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް އޮންނަ ސަރަޙައްދެވެ. މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ ނޮވެންބަރު މަހު އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

އެމްޕީއެލް ސަރަޙައްދަކީ ބޮޑު ތަކުރުފާނު މަގުގައި އެންމެ ބޮޑަށް އަޑިގުޑަންތައް އޮތް އެއް ސަރަޙައްދެއްވެ. ވަކިން ޚާއްސަކޮށް އެ ސަރަހައްދަކީ ބަރު އުޅަނދުތަކުގައި މުދާ އުފުލާ ސަރަޙައްދަށްވުމުން ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރުވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކޮށްފައެވެ.

އެ ސަރަޙައްދުގެ މަގު ތަރައްޤީކޮށްފައިވަނީ، ފަޅުތެރެއިން ބައެއް ހިއްކައިގެން، 4 ލޭނަށް މަގު ފުޅާކުރުމަށްފަހު، 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމު ގާއިމުކޮށް، 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނަކާވެސް އެކުގައެވެ. މިއާއެކު އެ ސަރަޙައްދުގެ ޓްރެފިކަށްވެސް ލުޔެއް އައިސް ދުއްވާ ފަރާތްތަކަށްވެސް ފަސޭހަތަކެއް ވަނީ ލިބިފައެވެ.

ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންއަންނައިރު ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު އަންނަނީ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.