ޚަބަރު

ޓްރަމްޕްގެ ޣައްޒާ ސިޔާސަތަކީ ލަދުވެތި މަންޒަރެއް: މެކްރޮން


ފަލަސްޠީނުގެ ޣައްޒާގައި ޞުލްޙަ ޤާއިމުކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވާ ވާހަކަތަކަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެކްރޮން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގައި ތަޤުރީރުކުރައްވަމުން މެކްރޮން ވިދާޅުވީ، ޞުލްޙަ އިޢުލާނުކުރި ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދޭ އެންމެ މަގެއްވެސް އަލުން ހުޅުވިފައި ނުވާ ކަމުގައެވެ. އަދި، މުޅި ދުނިޔެއިން މިހާރު ދެކެމުންދަނީ އެންމެން ލަދުގަންނަންޖެހޭ ފަދަ ހިތާމަވެރި މަންޒަރެއް ކަމުގައި ވިދާޅުވެ، ޓްރަމްޕްގެ ސިޔާސަތުތަކަށް އޭނާ ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.

މެކްރޮންގެ ވާހަކަތަކަށް ރައްދުދެމުން ވައިޓް ހައުސްގެ ތަރުޖަމާނު އެނާ ކެލީ ވިދާޅުވީ، ޔަހޫދީންނާއި ޙަމާސްގެ ހަނގުރާމަ ޓްރަމްޕް ނިމުމަކަށް ގެންނަވާފައިވާ ކަމުގައެވެ. ހަމަމިއާއެކު، ޔަހޫދީ އަސީރުންގެ ތެރއިން ދިރިތިބި މީހުން މިނިވަންކޮށް، މަރުވި މީހުންގެ ހަށިތައް ޢާއިލާތަކާ ޙަވާލުކުރައްވާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، 20 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޣައްޒާ ޞުލްޙައިގެ ޕްލޭން ތަންފީޒުކުރުމުގައި ޓްރަމްޕް އިސްނަންގަވާފައިވާ ކަމަށާއި، ސަރަޙައްދީ ޞުލްޙައާއި ހަމަޖެހުމަށް އޭނާއަށްވުރެ ބޮޑު މަސައްކަތް ކުރެއްވި އެއްވެސް އެހެން ވެރިއަކު ނުވާ ކަމަށް ކެލީ ދަޢުވާކުރެއްވިއެވެ.

ހުޅަނގު އައްސޭރީގައި ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ވަޒަންވެރިން ހިންގާ ހަމަލާތަކާއި ޤަވާޢިދާ ޚިލާފު ޢަމަލުތައް ކުށްވެރިކުރައްވަމުން، ޙަމާސްގެ އެއްވެސް ޙަރަކާތެއް އެ ސަރަޙައްދުގައި ނެތް ކަމުގައި މެކްރޯން ވިދާޅުވިއެވެ. އަދި، އަވައްޓެރި ޤައުމުތަކުގެ ސިޔާދަތަށް އަރައިގަތުމަކީ ޔަހޫދީންގެ ސަލާމަތް ކަށަވަރުވާނެ ކަމެއް ކަމަށް ޤަބޫލުކުރާ މީހުންނަށް ހެދެނީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އޭގެ ސަބަބުން މިއަދާއި މާދަމާވެސް ޔަހޫދީންގެ ރައްކާތެރިކަން އިތުރަށް ބަލިކަށިވާނެ ކަމުގައި މެކްރޮން ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ މެއި މަހު މަޤާމުން ވަކިވެވަޑައިގަންނަވާތީ އދގައި ކުރެއްވި އެންމެ ފަހު ތަޤުރީރުގައި މެކްރޮން ވަނީ، ބާރުގެ ބޭނުންކޮށްގެން ހިންގާ ޖަންގަލީގެ އުސޫލުތަކަށް ދުނިޔެ ރުޖޫޢަވުމާ ދެކޮޅަށް އިންޒާރުދެއްވާފައެވެ. އަދި، އަނިޔާވެރިކަމަށް ޖަވާބުދާރީނުވެވޭ އައު ބައިނަލްއަޤުވާމީ ނިޒާމެއް ބަލައިނުގަނެވޭނެ ކަމަށާއި، ހުރިހާ ޤައުމުތަކުން ވެސް އެކުވެރި ދައުލަތްތަކުގެ މަޖިލީހާއެކު ސާބިތުވެ ތިބުމަށް އޭނާ ގޮވާލެއްވިއެވެ. މެކްރޮން އޭނާގެ ތަޤުރީރު ނިންމަވާލެއްވީ އދއަށް ދިގު ޢުމުރަކަށް އެދިވަޑައިގަންނަވަމުންނެވެ.