ޚަބަރު

30 ވަނަ ޤައުމީ ޤްރުއާން މުބާރާތް ރައީސް މައުމޫން ހުޅުވާދެއްވައިފި


ކީރިތި ޤްރުއާން
ކިޔެވުމުގެ 30 ވަނަ ޤައުމީ މުބާރާތް ރޭ އިފްތިތާޙުކޮށްފިއެވެ.



ކީރިތި ޤްރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ދަރިވަރުންގެ
ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ހިތްޖައްސައި، ޤުރުއާން ކިޔެވުމުގެ
ފަންނު އާލާކޮށް، ދިރުވައި ފެތުރުވުމުގެ މަޤުސަދުގައި ބާއްވާ މި މުބާރާތް
އިފްތިތާޙު ކޮށްދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން
އަބްދުލް ޤައްޔޫމްއެވެ.



މި
ރަސްމިއްޔާތުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ދެއްކެވި
ވާހަކަފުޅުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ރާއްޖޭގައި ފެށިގެން
އައިގޮތަށް ބައްލަވާލައްވާ ޤްރުއާން މުބާރާތުގެ މުހިންމު ކަމާއި ޤްރުއާން
ކިޔެވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ޤުރުއާން
މުބާރާތްތަކުގެ ސަބަބުން ރާއްޖޭގައި ރީތިކޮށް ޤްރުއާންކިޔަވާ ޤާރީންތަކެއް
އުފެދިގެންދިޔަކަން ފާހަގަކުރެއްވިއެވެ.



ރޭގެ
ރަސްމިއްޔާތުގައި ޤްރުއާނާއި ބެހޭ މަރުކަޒުގެ ޑިރެކްޓަރ އައިޝައިޚް އަބްދުލް
އަޒީޒު ހުސައިން ދެއްކެވި ވާހަކައިގައި ޤުރުއާން ކިޔެވުމުގެ މުބާރާރަކީ
ހިތުދަސްކުރާ މުބާރާތަކަށް ހަދަން ބޭނުންވާކަމަށާއި އެކަމުގެ މަސައްކަތް ކޮންމެވެސް
ވަރަކަށް ކާމިޔާބުވެއްޖެކަމުގައި ވިދާޅުވިއެވެ. އެގޮތުން މި އަހަރުގެ މުބާރާތުގައި
ޤުރުއާން ހިތު ދަސްބައެއް، އަލަށް ތަޢާރަފްކުރާ ބައެއްގެ ގޮތުގައި އޮތްކަން
ފާހަގަކުރެއްވިއެވެ.



ރޭގެ
ޖަލްސާގައި ''ކީރިތި ޤްރުއާން ހިތުދަސްކުރާނެ ދިހަ ފިޔަވަޅު'' މި ފޮތް
ނެރެދެއްވާފައިވެއެވެ. މި ފޮތް މި މުބާރާތުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް
ހަދިޔާއަކަށް އެރުވޭނެކަން ރޭގެ ޖަލްސާގައި ވަނީ އިޢުލާންކޮށްފައެވެ.



މިއަހަރުގެ
މުބާރާތުގައި ޖުމްލަ 798 ބައިވެރިން ކިޔެވުމަށް
ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި މާލޭގެ 477 ބައިވެރިންނާއި އަތޮޅުތަކުން 290 ބައިވެރިން، އަދި  ޚާއްސައެހީއަށް ބޭނުންވާ 20 ދަރިވަރުން ހިމެނެއެވެ.



މީގެ  އިތުރުން މިއަހަރު އަލަށް ތަޢާރަފުކުރާ ކެޓަގަރީ
ކަމުގައިވާ ވިދިވިދިގެން ދިހަ ފޮތް ހިތުދަސްކުރާ ބައިގައި  އެގާރަ ބައިވެރިން ހިމެނެއެވެ.



މި މުބާރާތުގައި
ބައިވެރިވާ މާލޭގެ ބައިވެރިން ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.




އަތޮޅުތަކުގެ
ބައިވެރިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.




ޤައުމީ
ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން އަންނަ މަހުގެ ތޭރަވަނަ ދުވަހުއެވެ.