ޚަބަރު

ދުވަސްވީ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަން އޮފީސް ފޯ ސިވިލް ރައިޓްސްއިން


  • ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ ވުޒާރާއިން ގޮތް ކަނޑަނާޅަން ވަނީ ނިންމާފައި

  • މިގޮތަށް ނިންމާފައިވަނީ ވީހާވެސް ހާމަކަން ބޮޑު އިންސާފުވެރި ގޮތެއްގައި ކުރުމަށް

ބޯހިޔާވަހިކަމާ ގުޅުންހުރި ދުވަސްވެފައިވާ މައްސަލަތައް ހައްލުކުރުމަށް މީގެ ފަހުން ފޮނުވާނީ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބޯހިޔާވަހިކަމާއި ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ އެ ވުޒާރާއިން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމާފައިވާ ކަމަށެވެ.


ވަޒީރު ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އިންސާފުވެރި ގޮތެއްގައި ޢަމަލުކުރުމަށް މީގެ ފަހުން ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި އެވުޒާރާއިން ޢަމަލުކުރާނީ އެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ 113 މަޝްރޫޢެއްގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އަމާޒެކެވެ. އެގޮތުން ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކާއެކު 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށްދާއިރު، ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.