ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މަޝްރޫޢާ ގުޅޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ކުންފުންޏާއެކު މިއަދު ރަސްމީކޮށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މިއަދު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އައްރާޖިޙީ ކުންފުނީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ބަންދަރު ޢަބްދުﷲ އައްރާޖިޙީއެވެ.
މި ބައްދަލުކުރެއްވުމުގައި، މިބިޔަ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އައްރާޖިޙީ ކުންފުނިން ދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަޒީރު ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި މިސްކިތުގެ މަޝްރޫޢު އެންމެ ފުރިހަމަ ގޮތުގައި އަދި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވުޒާރާގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ އެ ކުންފުންޏަށް ދެއްވާފައެވެ.
އައްރާޖިޙީ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އައްރާޖިޙީ ހިމެނިވަޑައިގަންނަވާހެން އެ ކުންފުނީގެ އިސްވަފުދެއް ބުދަ ދުވަހު ރާއްޖެއަށް ވަޑައިގެންފައިމިވަނީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ހުޅުމާލޭގައި އަޅާ މި މިސްކިތަކީ، ޒަމާނީ ފެންވަރުގެ ގިނަ ވަސީލަތްތަކަކާއެކު ބިނާކުރާ ފުރިހަމަ އިސްލާމީ މަރުކަޒެކެވެ. އެގޮތުން ނަމާދުކުރާ ބައިގެ އިތުރުން، އިސްލާމީ ޙަޟާރާތާ ބެހޭ މަރުކަޒަކާއި، ޤުރުއާން މިއުޒިއަމެއްގެ އިތުރުން މަލްޓިޕާޕޯސް ހޯލަކާއި، އިމާމުންނާއި އިދާރީ މުވައްޒަފުންގެ އޮފީހާއި، ލައިބްރަރީ އަދި އެގްޒިބިޝަން ހޯލެއް މި އިމާރާތުގައި ހިމެނޭނެއެވެ.