ޚަބަރު

ފަޑިޔާރު ދީދީގެ އިތުރު މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފި


ސްޕްރީމްކޯޓުގެ ފަޑިޔާރު ޢަބްދުﷲ ދީދީގެ އިތުރު މައްސަލައެއް ބެލަން ޖޭއެސްސީން ނިންމައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީއަށް ހުށަހެޅިފައިވާ ސްޕްރީމްކޯޓުގެ ފަޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ބެލުމަށް ނިންމާފައިވަނީ އިއްޔެބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ. ޢަބްދުﷲ ދީދީގެ މައްސަލަ ބެލުމަށް ނިންމާފައިވަނީ މިހާރުވެސް އޭނާއާއި ގުޅޭގޮތުން ބަލަމުންދާމައްސަލައިގެ ތެރެއަށް މިމައްސަލަ އިތުރުކޮށްގެން ކަމުގައި ޖޭއެސްސީން ވިދާޅުވެއެވެ.

ފަޑިޔާރު ދީދީގެ މައްޗަށް މިހާރުކުރެވޭ އެންމެބޮޑު ތުހުމަތަކީ މޯލްޑިވްސްމާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން "އެމްއެމްޕީއާރުސީ"ގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތުކުރެވޭ މީހަކު ވަކިގޮތަކަށް ހުކުމެއް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިންއިރު ދީދީ އަށްވެސް ފައިސާލިބިފައިވުމެވެ.
މިމައްސަލަ ޖޭއެސްސީން ބަލަމުންދަނިކޮށް ދީދީވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ. ދީދީއާގުޅޭ މިމައްސަލަ މޯލްޑިވްސް ޕޮލިސްސަރވިސްއިންވެސް ތަޙުގީގު ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ޖޭއެސްސީގެ އިއްޔެގެ ބައްދަލުވުމުގައިވަނީ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމާ ގުޅޭގޮތުން ހުށަހަޅާފައިވާ އިތުރު މައްސަލައެއްވެސް ބެލުމަށް ނިންމާފައެވެ. މިމައްސަލަޔާއެކު ކުރިން ބަލަމުންދިޔަ އޭނާގެ 4 މައްސަލައެއްވެސް އެކޮމިޝަނުން ބަލަމުންދެއެވެ. މީގެ އިތުރުން ހދ.ޖުޑިޝަލް ދާއިރާގެ، ދާއިރާގެ މެޖިސްޓްރޭޓް މުޙައްމަދު މަޢުސޫމްއާ ގުޅޭގޮތުން ހުށަހަޅާފައިވާ 3 މައްސަލައެއްވެސް ބެލުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން ބެލުމަށް ހަމަޖެހިފައިވާ މިމައްސަލައިގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ކޮމިޝަންގެ ނައިބްރައީސް އަލްއުޘްތާޛު މަސްތޫރު ހުސްނީއާއި ކޮމިޝަންގެ މެމްބަރު އަލްއުޘްތާޛާ ޙިސާން ޙުސައިންގެ އިތުރުން ކޮމިޝަންގެ މެމްބަރު ޢަބްދުލްޣަފޫރު އިބްރާހީމެވެ.