ޚަބަރު

2020ގެ ކުރީކޮޅަށް މާލެއަށް ބޭނުންވާވަރަށް ކަރަންޓު ނުއުފެއްދިދާނެ ކަމުގެ ބިރު އެބައޮތް - އެންވާރަމެންޓް މިނިސްޓަރ


މިހާރު މާލޭގައި ހުރި ކަރަންޓުގެ މައްސަލަތައް ހައްލުނުވެއްޖެނަމަ، އަންނަ އަހަރުގެ ކުރީ ކޮޅަށް މާލެއަށް ބޭނުންވާ ކަރަންޓު ފޯރުނުކޮށް ނުދެވިދާނެކަމުގެ ބިރު އެބައޮތްކަމަށް މިނިސްޓަރ އޮފް އެންވާރަމެންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ށ. ފޯކައިދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް އެންވާރަމެންޓް ޑރ. ހުސައިން ރަޝީދުވަނީ، ކަރަންޓުގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ސިފަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިޙާލަތަށް ރާއްޖެ ވާސިލުވެފައިމިވަނީ ކުރީގެ ސަރުކާރުތަކުން ކަރަންޓުގެ މައްސަލަތައް ހައްލުކުރުމުގައި އިހުމާލުވެފައިވާތީކަމަށެވެ. މި އިހުމާލުގެ ސަބަބުން މި ނިޒާމު އަލުން އައު ފެށުމަކުން ރަނގަޅުކުރަން ޖެހިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މި މައްސަލައިގެ އުނދަގޫ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށްވެސް ކުރަމުންދާކަމަށެވެ.

މާލޭގެ ކަރަންޓުގެ މައްސަލައަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ، މިހާރު މާލޭގައި ހުރި ކަރަންޓުގެ މައްސަލަތައް ހައްލުނުވެއްޖެނަމަ، އަންނަ އަހަރުގެ ކުރީ ކޮޅަށް މާލެއަށް ބޭނުންވާ ކަރަންޓު ފޯރުނުކޮށް ނުދެވިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ. އަދި މިފަދަ ހާލަތެއް އަޔަ ނުދިނުމަށްޓަކައި ފިފްތް ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތުގެ ދަށުން ހުޅުމާލެއިން މާލެއަށް ކަރަންޓު ވިއުގަ ގުޅާލުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކަރަންޓުގެ މައްސަލައަކީ މިހާރު ރާއްޖޭގެ ދޭސީ މައްސަލައެއް. ކަރަންޓު ކަނޑައަިގެން އެބަދޭ ބޮޑެތި ރަށްރަށުން މާލޭންވެސްދޭ. މާލެއަށް ބޭނުންވާ ކަރަންޓު މާލެއަށް ބޭނުންވާ ވަރަށް މިއަދު ނުއުފެއްދޭ ހާލަތުގައި އޮތީ. އެހެންވީމަ މިހާރުވެސް މަސައްކަތް ކުރަމުން އެބަދޭ ހުޅުމާލޭގައި ހުރި އިންޖީނުގެއާއި މާލެއާއި ގުޅާލުމުގެ މަސައްކަތް. އެކަން ކުރެވިގެން ނޫނިއްޔާ އަންނަ އަހަރު ކުރީކޮޅަށް މާލެއަށް ބޭނުވާ ކަރަންޓު ނުދެވިދާނެކަމުގެ ބިރުއެބައޮތް." އެންވާރަމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

މިސަރުކާރުން މަސައްކަތް ކުރަމުން ދަނީ މި މަސައްކަތް ކުރުމުގައި ތިމާވެށްޓާއި ރައްޓެހި ގޮތަކަށްކަން ފާހަގަކުރައްވާ އެންވާރަމެންޓް މިނިސްޓަރ ވަނީ ޕީކް ގަޑިަތަކުގައި އަވިން ކަރަންޓު އުފައްދާ މިންވަރު 70 އިންސައްތައަށް އަމާޒު ހިފާފައިވާކަމަށް ވިދާޅުވެފައެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުރި އިންޖީނުގެތަކަކީ މި ވަރަށް ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ހުރި އިންޖީނުގެތަކަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މި ސަރުކާރުގެ އަމާޒަކީ ކުރީގައި ޕީކް ގަޑިތަކުގައި 30 އިންސައްތަ ސޯލާ އެނާޖީ ޖެނެރޭޓުކުރުން 70 އިންސައްތައަށް އިތުރުކުރުން. މިކަން ކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުރި އިންޖީނުގެތަކަކީ މި ވަރަށް ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ހުރި އިންޖީނުގެތަކަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންއެބަދޭ." މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

އެންވާރަމެންޓް މިނިސްޓަރ މިހެން ވިދާޅުވެފައިމިވަނީ، ކަރަންޓު ބިލު ބޮޑުވެ ޢާއްމުންގެ ޝަކުވާ އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ކަރަންޓު ބިލު ބޮޑުވެފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހަށްވުރެ މިއަހަރުގެ އެޕްރީލްމަހުގައި ރިކޯޑު ޢަދަދަކަށް ކަރަންޓު ބޭނުންކޮށްފައިވުމުންކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

ސްޓެލްކޯއިން ބުނީ މިއަހަރުގެ މާޗުމަހު މާލޭގައި 15 މިލިއަން ކިލޯވޮޓަށްވުރެ ގިނަ ކަރަންޓު ބޭނުންކޮށްފައިވާކަމަށެވެ. އަދި މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2 މިލިއަން އިތުރު ޢަދަދެކެވެ. މިއީ މާޗު މަހުގެ ތަފާސްހިސާބެވެ.

ދެން މިއަހަރު ބިލު އެންމެ ބޮޑުވެގެން ޢާއްމުންގެ ޝަކުވާ ބޮޑުވެފައިވަނީ އޭޕްރީލް މަހުގެ ބިލާ ދޭރެތޭގައެވެ. މިދިޔަ އަހަރު 14 މިލިއަން ކިލޯވޮޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާއިރު މިއަހަރު މިޢަދަދު ވަނީ 17 މިލިއަން ކިލޯވޮޓާއެކު ރިކޯޑު ޢަދަދަކަށް އިތުރުވެފައެވެ. މިއީ 2.5 މިލިއަން ކިލޯވޮޓުގެ އިތުރުވުމުކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ކަރަންޓު އަގުހެޔޮކުރުން ހިމެނެއެވެ. އެވަޢުދު ފުއްދުމަށްޓަކައި ސަރުކާރުންވަނީ މިހާރު ސަބްސިޑީ ދޭންފަށާފައެވެ. އެހެންނަމަވެސް ބިލުތަކުން މިކަން ނުފެންނަކަމުގެ ޝަކުވާ އިތުރުވަމުންދާއިރު ސްޓެލްކޯއިންވަނީ ސަބްސިޑީ ނުދޭނަމަ މިދުވަސްވަރުގެ ބިލުތައް މިއަށްވުރެ މާބޮޑުވާނެކަން ފާހަގަކޮށްފައެވެ.