ޚަބަރު

ހޯރަފުށީ ސްޕީޑް ފެރީގެ ނިޒާމު ނައިބު ރައީސް އިފްތިތާޙުކޮށްދެއްވައިފި


ހއ. ހޯރަފުށީ ސްޕީޑް ފެރީގެ ނިޒާމު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާޙުކޮށްދެއްވައިފިއެވެ.

ހއ. ހޯރަފުށީގައި ފެށި ސްޕީޑް ފެރީގެ ނިޒާމަކީ އެމްޓީސީސީއިން ހއ އަދި ހދ އަތޮޅުގައި ހިންގާ ސްޕީޑް ފެރީގެ ނިޒާމުގެ ދަށުން ފެށި ޚިދުމަތެކެވެ.

މި ފެރީގެ ނިޒާމާއި ބެހޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން، އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމެންޓްގެ އެޗްއޯޑީ މުހައްމަދު ނާޒިމް ވިދާޅުވީ، މި ނިޒާމުގެ ސަބަބުން ހއ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ހއ. ހޯރަފުށީގައި ފެށި ސްޕީޑް ފެރީގެ ނިޒާމުގެ ދަށުން ހަފްތާއަކު ހަދުވަހު ހއ. ހޯރަފުށިން ހއ. އިހަވަންދޫއާ ދިއްދޫ އަދި ހދ. ހަނިމާދޫ އެ އަތޮޅު ކުޅުދުއްފުށްޓަށް ދަތުރުކުރާނެކަމަށެވެ. ނާޒިމް ވިދާޅުވީ ހއ އަދި ހދ އަތޮޅަށް ސްޕީޑް ފެރީގެ ޚިދުމަތް ފެށީ އެކުންފުނިން ފޯރުކޮށްދެމުންދާ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިންކަމަށެވެ. އެގޮތުން މި ފެރީގައި ދަތުރުކުރުމަށް ނަގާނީ 150 ރުފިޔާއާއި 200 ރުފިޔާގެ އަގެއްކަމަށް އެމްޓީސީސީން ބުނެއެވެ.

"މި ޕްރޮޖެކްޓް ފުރަތަމަ ފަށާފައިވަނީ ހއ. ދިއްދޫ ، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށި، މި ތިން ރަށް ގުޅުވާލައިގެން. އަލަށް މި ފެށީ ހޯރަފުއްޓާއި އިހަވަންދޫގައި." މުހައްމަދު ނާޒިމް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސްލް ނަސީމް ހއ. ހޯރަފުށީ ސްޕީޑް ފެރީގެ ނިޒާމު އިފްތިތާހްކޮށްދެއްވާފައިވަނީ އެމަނިކުފާނު މިހާރު ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ނާއިބް ރައީސް ތިލަދުންމައްޗައް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ރަށްރަށުގެ ކައުންސިލްތަކާއި، ރައްޔިތުންނާއި ބައްދަލުކުރައްވާ ރަށްރަށުގެ ޙާލަތު ގާތުން ދެނެގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ހއ. މޮޅަދޫ، އުލިގަމު، ތުރާކުނު އަދި ހޯރަފުއްޓަށް ވަޑައިގަންވާފައިވާއިރު، މާދަމާ ހއ. މާރަންދޫ އަދި އިހަވަންދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.