ޚަބަރު

ޕާޓްނަޝިޕް ފޯރަމްގެ ސަބަބުން ރާއްޖޭގެ އަގު އެތަށް ގުނައަކަކަށް އަރައިފި - ޝާހިދު


މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް 2019ގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އަގު އެތަށް ގުނައަކަށް އަރައިގެންގޮސްފައިވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ދެދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދިޔަ "މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް2019" ނިންމާލާފައިވާއިރު، މި ފޯރަމްގައި ބައިނަލްއަޤްވާމީ ފަސްދޮޅަސް ތިން ވަފުއްދަކުން ސަތޭކަ ތެއްތިރީސް ޕާޓްނަރުންވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމަކީ ބައިނަލްއަޤްވަމީ ފަރާތްތަކަށް މިސަރުކާރުން ގެންގުޅޭ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ ތަރައްޤީގެ ޕްލޭންގައިހުރި ފުރުސަތުތަށް އަންގައިދިނުމަށް ކުރިއަށްގެންދިޔަ ފޯރަމެކެވެ. ރާއްޖޭގެ ތަރައްޤީގެ ބައިވެރިވާ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވި މިފޯރަމްގެ ތެރެއިން ގިނަ އެހީތަކެއް ވަނީ ލިބިފައެވެ.

އެގޮތުން ރާއްޖޭގެ ތަރައްޤީގެ މައި ހަބުގެގޮތުގައި ހިމެނިފައިވާ ގްރޭޓަރ މާލެ ރީޖަން އެއްގަމުމަގުން އެކުގައި ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓް ކުރިއަށްގެންދަން ބޭނުންވާ އެހީތެރިކަން މި ފޯރަމްގެ ތެރެއިން ކަށަވަރުވެގެން ގޮސްފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއް ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތް މިއަހަރު ނިމޭއިރު ފެށޭނެކަމުގެ އުފަވެރި ޚަބަރުވެސް ލިބިގެން ގޮސްފައިވަނީ މިފޯރަމްގެ ތެރެއިންނެވެ.

މިފޯރަމްގެ ތެރެއިން ޖުމުލަ 8 އެގްރިމެންޓެއްގައި ސަރުކާރުން ސޮއިކޮށްފައިވެއެވެ. މި ޕްރޮޖެކްޓްތަކުގެ ތެރޭގައި މަސްވެރިކަމާއި ބޯހިޔާވަހިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމަށް ސަޢުދީ ފަންޑުން އެއްބަސްވެފައިވާއިރު އެމްއެންޑީއެފަށް ބޭނުންވާ އުޅަނދު ގަތުމަށާއި އިޖްތިމާޢީ ތަރައްޤީއަށް އެހީވުމަށް ޖަޕާން ސަރުކާރުންވަނީ އެއްބަސްވެފައެވެ. އަދި ހަމަމިއާއެކު މަސްވެރިކަމުގެ ދާއިރާއިން އެހީވުމަށް ބަންގްލަދޭޝްއާއެކު ސޮއިކޮށްފައިވާއިރު، އެމެރިކާގެ ސަރުކާރުގެ އެހީގައި ރާއްޖޭގެ ޑިމޮކްރަސީ ފައްކާކުރުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން އިންޑިއާއާއެކު ރާއްޖޭގައި ހުނަރުވެރި ޒުވާނުން ބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުންވެސް ވަނީ އެއްބަސްވެފައެވެ.

ރާއްޖޭގެ އެކުވެރި ޤައުމުތަކުގެ އިތުރުން އޭޑީބީ އާއި ކުވައިތު ފަންޑާއި ވިލާތުގެ އިއްތިހާދާއިއެކުވެސް ގިނަ އެއްބަސްވުންތަކެއްގައި މިފޯރަމްގެ ތެރެއިންވަނީ ސޮއިކޮށްފައެވެ. ފޯރަމް ނިންމަވާލެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުވަނީ، މިފޯރަމްގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އަގު އެތަށް ގުނައަކުން އަރައިގެންގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ވިލާތުގެ އިއްތިހާދުން ރާއްޖެއާއި ދެކޮޅަށް އެޅި ފިޔަވަޅުތަށް ނެގުމާއި ބައިނަލްއަޤްވާމީ ގިނަ އެހީތަކެއް މިފޯރަމްގެ ތެރެއިން ކަށަވަރުވެގެން ދިއުމަކީ މިކަމުގެ ހެއްކެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ފޯރަމްގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އަގު އެތަށް ގުނައަކުންވަނީ އަރައިގެން ގޮސްފައި. އެކަން ތޮޔަ ބޭފުޅުންނަށްވެސް އިނގިގެންދާނެ މިފަދަ ގިނަ އަދަދެއްގެ ބައިނަލްއަޤްވާމީ ފަރާތްތަކުން މި ފޯރަމްގައި ބައިވެރިވީމަ. އެހެންނޫންތޯ؟" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދިއަ މި ފޯރަމްގައި ބައިނަލްއަޤްވާމީ 63 ވަފުއްދަކުން 133 ޕާޓްނަރުންވަނީ ބައިވެރިވެފައެވެ. އެގޮތުން މި ފަރާތްތަކުންވަނީ މިފަދަ ފޯރަމެއް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފޯރަމްގެ ސަބަބުން އެފަރާތްތަކަށް ރާއްޖޭގައި އެފަރާތްތަކަށް ހުރި ރަނުގެ ފުރުސަތުތަށް އެނގިގެން ދިޔަކަން އެފަރާތްތަކުން ފާހަގަކުރެއްވިއެވެ.

މި ފޯރަމްގެ ތެރެއިން މައިގަނޑު 3 ދާއިރާއަކުން ޖުމުލަ 5 ޕެނަލް ޑިސްކަޝަންއެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން މި ފޯރަމްގައިވަނީ ނޫ އިޤްތިޞާދާއި، އިޖްތިމާއި ތަރައްގީއައި، ގަވަނެންސްގެ ދާއިރާއިންވަނީ މަޝްވަރާކޮށްފައެވެ.