ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ، ތަށި ދިފާއު ކުރުމަށް މަސައްކަތް ކުރަމުންދާ އަރީނާ ސަބަލެންކާ ހޯދައިފިއެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް އެއްވަނައަށް ސީޑު ކުރެވިފައވާ ބެލަރޫސްގެ ސަބަލެންކާ ކަށަވަރު ކުރީ ކުއާޓަރ ފައިނަލްގައި ހަވަނައަށް ސީޑު ކުރެވިފައިވާ ޗެކް ރިޕަބްލިކްގެ ލިންޑާ ނޮސްކޮވާ އާއި ބައްދަލުކުރި މެޗު ދެސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިއީ މިފަހަރުގެ މުބާރާތުގައި ސަބަލެންކާ ކުޅުނު މެޗުތަކުގެ ތެރެއިން ތިންވަނަ ސެޓަކަށް ދިޔަ ފުރަތަމަ މެޗެވެ.
ދެކުޅުންތެރިންގެ ފަރާތުން ވަރަށް ވާދަވެރި އަދި އެހާމެ ބަލާހިތްވާ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ވަރަށް ހަމަހަމަކޮށް ދިއުމަށްފަހު ސަބަލެންކާ ސެޓު ކާމިޔާބު ކުރީ ޓައި ބްރޭކަކަށް ގޮސް ހަތެއް އެކަކުންނެވެ. މިމެޗުގެ ދެވަނަ ސެޓުގައި ނޮސްކޮވާވަނީ 6 ވަނަ ގޭމް ބުރޭކްކޮށް ސެޓުގެ ލީޑު ނަގާ 6-3 އިން އެސެޓު ކާމިޔާބު ކޮށްފައެވެ. މިމެޗުގެ ފަހު ސެޓުގައިވެސް އެންމެ ފުރަތަމަ ބްރޭކް ކުރީ ނޮސްކޮވާއެވެ. ނަމަވެސް 5 ވަނަ ގޭމް ނޮސްކޮވާ ބްރޭކް ކޮށް 4-2ގެ ލީޑެއް ނެގި ނަމަވެސް ޖެހިގެން އައި ތިން ގޭމް ކާމިޔާބުކޮށް ސަބަލެންކާ އަނެއްކާވެސް މެޗު ކާމިޔާބު ކުރުމުގެ އުންމީދު އާކޮށްފައެވެ. އަދި މިސެޓު ސަބަލެންކާ ކާމިޔާބު ކުރީ ބެސްޓް އޮފް ޓެންގެ ޓައިބްރޭކްގައި 10-7އ އިން ކުރި ހޯދައިގެންނެވެ.
މިއީ އުމުރުން 28 އަހަރުގެ ސަބަލެންކާ މިމުބާރާތުގައި ޖެހިޖެހިގެން ކާމިޔާބުކުރި 19 ވަނަ މެޗެވެ. ޔޫއެސް އޯޕަންގައި 2023 ވަނަ އަހަރުގެ ފައިނަލަށް ފަހު އޭނާ ބަލިވެފައެއް ނުވެއެވެ. އަދި އޭނާ މިވަނީ ސެރީނާ ވިލިއަމްސް އަށް ފަހު ޖެހިޖެހިގެން 6 ވަނަ ސެމީ ފައިނަލުން ޖާގަހޯދި ފުރަތަމަ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނީ ތިން ވަނަ ސެޓުގައި ނޮސްކޮވާ އޭނާގެ ގޭމް ބްރޭކް ކުރުމާއެކު މިމެޗު އޭނާ އަތުން ގެއްލުމުގެ އިހްސާސް ކުރެވުނު ކަމަށެވެ. މި ކާމިޔާބީއާއެކު މިވަގުތު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި ސަބަލެންކާ އޮތް ނަމަވެސް ދެވަނައިގައި އޮތް އެލޭނާ ރިބާކިނާ ޗައިނާގެ ޒެންގ ގިންވެން އާއި ބައްދަލުކުރާ މެޗު ކަމިޔާބު ކޮށް ސެމީ ފައިނަލުން ޖާގަ ހޯދައިފި ނަމަ ދުނިޔޭގެ ރޭންކިންގ ރިބާކިނާއަށް ލިބޭނެކަމަށްވެއެވެ. އަދި މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ސަބަލެންކާ ބުނީ އޭނާއަށް މި މުބާރާތް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބު ކުރުމަށްވުރެ މުހިންމު ކަމެއް މިވަގުތު ނެތް ކަމަށާއި އެއްވަނަ މަގާމު ގެއްލުނު ނަމަވެސް މިމުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ އޭނާ ހުންނާނީ ވަރަށް އުފަލުން ކަމަށެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގައި ސަބަލެންކާ ބައްދަލުކުރަން ޖެހޭނީ ތިންވަނައަށް ރޭންކް ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި ސައްބީސް ވަނައަށް ސީޑު ކުރެވިފައިވާ އެމެރިިލާގެ އެމާ ނަވާރޯ ބައްދަލު ކުރާ ކުއާޓަރ ފައިނަލް މެޗު ކާމިޔާބު ކުރާ ކުޅުންތެރިޔަކާއެވެ.