ޚަބަރު

ޖަރުމަންވިލާތުން 90,000އަށްވުރެ ގިނަ ފަތުރުވެރިން


  • މިއީ 5ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމު

  • މިދިޔަ އަހަރު ނިމުނު އިރު 167,822 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

ޖަރުމަންވިލާތުން 90,000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ޖަރުމަންވިލާތުން ރާއްޖެއަށް ވަނީ 90,408 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އެޤައުމަކީ މިހާރު ރާއްޖެއަށް 5ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ޖަރުމަންވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ޤައުމެކެވެ. މިދިޔަ އަހަރު ނިމުނު އިރު އެޤައުމުން ރާއްޖެއަށް 167,822 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އެކި ޤައުމުތަކުން އަންނަ ފަތުރުވެރިން އަދަދު އިތުރުކުރުމަށް ވަކި ވަކި ޤައުމުތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ޖަރުމަންވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއާއި ޑާޓުއަރއިން ވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެތެރޭގައި ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގެ ދަށުން، ޖަރުމަނުވިލާތުން ރާއްޖެއަށް އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެނައުމަށާއި، ޖެހިގެން އަންނަ އަހަރު މި އަދަދު 200,000 އަށްވުރެ މައްޗަށް ޖެއްސުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބާޒާރެއްގެ ގޮތުގައި ޖަރުމަނުވިލާތް އޮތް އޮތުން އިތުރަށް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތެއްކަން އެ ކޯޕަރޭޝަނުން އޭރުވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކަށް ބަލާއިރު ލިސްޓުގެ އެއްވަނައިގައި ހިމެނެނީ ޗައިނާއެވެ. ޗައިނާއިން ރާއްޖެއަށް އަހަރުގެ މިހާތަނަށް 272,593 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 213,562 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.4 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން އެއް މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
ގެސްޓް ހައުސްތަކުގައި 321،327 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.