ޚަބަރު

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ވަޢުދުވެއްޖެ


ދެ ދާއިރާއަކުން އެހީތެރިވުމަށް ސައުދީ ޢަރަބިއްޔާއިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ވަޢުދުވެއްޖެއެވެ.

ސައުދީ ފަންޑް ފަންޑް ފޯރ ޑިވެލޮޕްމެންޓުން މިއެހީ ފޯރުކޮށްދިނުމަށް ވަޢުދުވެފައިވަނީ މިހާރު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގެ ތެރެއިންނެވެ. މި ފޯރަމްގައި ވާހަކަދައްކަވަމުން ސައުދީ ފަންޑް ފަންޑް ފޯރ ޑިވެލޮޕްމެންޓްގެ މަންދޫބު ވިދާޅުވީ ދެ ދާއިރާއަކަށް 25 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިކަމަށެވެ.

އެގޮތުން ރާއްޖޭގެ ގެދޮރުވެރިކަން ހައްލުކުރުމަށް 25 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަޢުދުވެފައިވާއިރު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމަށް އިތުރު 25 މިލިއަން ޑޮލަރުގެ އެހީއެއް ސައުދީ ފަންޑުން ދޭން ނިންމާފައިވާކަން މަންދޫބު ފާހަގަކުރެއްވިއެވެ.

"ރާއްޖެއާއި ސައުދީގެ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް. މި ފުރުސަތުގައި އަޅުގަނޑުމެން އިއުލާންކޮއްލަން ބޭނުން ސައުދީ ފަންޑް ފަންޑް ފޯރ ޑިވެލޮޕްމެންޓުން ރާއްޖޭގައި 25 މިލިއަން އެމެރިކާ ޑޮލަރުގެ 2 ދާއިރާއަކަށް އެހީވުމަށް ވަނީ ނިންމާފައި. އެގޮތުން މަސްވެރިކަމުގެ ދާއިރާއާއި ގެދޮރުވެރިކުރުމުގެ ދާއިރާއިން މިއެހީ ދިނުމަށް މިވަނީ ނިންމާފައި." ސައުދީ ފަންޑް ފަންޑް ފޯރ ޑިވެލޮޕްމެންޓްގެ މަންދޫބު ވިދާޅުވިއެވެ.

ސައުދީއިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވާއިރު، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތް ކުރާ މިސްކިތަށް ސައޫދީ އަރަބިއްޔާއިން 8 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.

ޕާޓްނަޝިޕް ފޯރަމްގައި ސައުދީގެ އިތުރުންވެސް ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކަކުންވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ވުމަށް ވަޢުދުވެފައެވެ.