ޚަބަރު

މިއަހަރު 12 ތަމްރީން ޕްރޮގްރާމެއްގައި 400 ދިވެހިން ތަމްރީނުކުރާނަން - ޗައިނާ


މިއަަހަރުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް ހުޅުވާލާ 12 ޓްރެއިނިންގް ޕްރޮގްރާމްގެ ދަށުން ޖުމުލަ 400 އަށްވުރެ ގިނަ ދިވެހިން ތަމްރީނުކުރަން ނިންމާފައިވާކަމަށް ޗައިނާއިން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގެ ތެރެއިން ރާއްޖެއާއި ޗައިނާގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ކައުންސިލަރ ޔޫ ޝުއަން ޔޮން ވިދާޅުވީ ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަމަށެވެ.

މި ސަބަބައްޓަކައި ޗައިނާއިން ރާއްޖެއަށް މުހިންމު އިސްކަމެއްދޭކަން ފާހަގަކުރައްވައި ކައުނސިލަރ ވިދާޅުވީ، ދެޤައުމުގެ ދެެމެދުގައި އޮތް ގާތްގުޅުން ވޭތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް ދަމަހައްޓާފައިވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރިގައި މިގުޅުން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފުލުހުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މިއަހަރުވެސް އޮންނާނެކަން ފާހަގަކުރައްވައި ކައުންސިލަރ ވަނީ މިއަަހަރުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް ހުޅުވާލާ 12 ޓްރެއިނިންގް ޕްރޮގްރާމްގެ ދަށުން ޖުމުލަ 400 އަށްވުރެ ގިނަ ދިވެހިން ތަމްރީނުކުރަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި ލޯކަލް ގަވަނެންސާއި ކޮރަޕްޝަން ނައްތާލުން ފަދަ ދާއިރާތަކުން ކުރިއަށްގެންދާ ޓްރެއިނިންތަށް ހިމެނޭކަމަށް ކައުންސިލަރ ވިދާޅުވިއެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖަކީ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ މައި ބިނާކަމުގައި ވިޔަސް މިގުޅުން އެތަށް އަހަރަކަށް ދެމިގެންދޭ. މި ސަރުކާރުގައިވެސް މިގުޅުން ދެމި އެބައޮތް. އެގޮތުން މިއަހަރުވެސް ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ދިވެހިންނަށް ކުރިއަށްގެންދަން." ޗައިނާ އެމްބަސީގެ ކައުންސިލަރ ޔޫ ޝުއަން ޔޮން ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖޭގައި މިހާރުވެސް 3 ޕްރޮޖެކްޓެއް ހިންގަމުން އަންނައިރު، ޗައިނާ ސަރުކާރުގެ އެހީއާއިއެކު އިތުރު 4 މަޝްރޫޢެއް ހިންގަމުންދެއެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތާއި، ހިޔާ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތްތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ޑީސެލިނޭޝަން ޕްލާންޓްތަކާއި، ހައުސިންގް ޔުނިޓްތަކުގެ އިތުރުން ނަރުދަމާ ނިޒާމު ޤާއިމުކުރުމުގައި ޗައިނާއިން އެހީވުމަށްވަނީ ނިންމާފައެވެ.