ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްކަށް 2.5 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވިލާތުގެ އިއްތިޙާދުން ނިންމައިފިއެވެ.
މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް 2019 ގެ ތެރެއިން ވާހަކަދައްކަވަމުން ވިލާތުގެ އިއްތިހާދުން ރާއްޖެއާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތުމްބައިމާގް ވަނީ ޔޫރަޕިއަން ކައުންސިލް އޮފް ފޮރިން މިނިސްޓަރސް"އިން ރާއްޖެ އާއި ދެކޮޅަށް ފާސްކޮށްފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތަކުގެ އުސޫލު ބާޠިލުކޮށްފައިވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއެއްކަމުގައި ސިފަކުރައްވާފައެވެ. އަދި އީޔޫން އިން ރާއްޖެއަށް އެހީވުމަށް ނިންމީ އަދުގެ ސަރުކާރުން ގެންގުޅޭ ދެ ފުށް ފެންނަ ސިޔާސަތުގެ މައްޗަށް ބިނާކޮށްކަންވެސް ސަފީރު ތުމްބައިމާގް ވިދާޅުވިއެވެ.
ރާއްޖެއިން ކޮރަޕްޝަނާއި ޓެރަރިޒަމާއ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ވިލާތުގެ އިއްތިހާދުން އެއްބާރުލުންދޭނެކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ، މިދާއިރާއިން ރާއްޖެއަށް އެހީވުމަށް އެއްބަސްވުންތަކެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، ޓެރަރިޒަމްއާއި ދެކޮޅަށް ކުރާ މަސައްކަތްކަށް 2.5 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައިވާކަން ސަފީރު ހާމަކުރެއްވިއެވެ. އަދި މި އެހީ ދިނުމުގެ މަސައްކަތް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ފެށޭނެކަަމަށްވެސް ސަފީރު ވިދާޅުވިއެވެ.
"ރާއްޖެއަށް މިއީ އުފާވެރި ދުވަހެއް. އެއީ ރާއްޖެއާއި އީޔޫގެ ގުޅުން ރަނގަޅުވާ ދުވަސް. މިކަމަކީ ރައީސް ޞާލިހްގެ ސަރުކާރުގެ ހެޔޮ ފިޔަވަޅުތަކުގެ ނަތީޖާ. މި ސަބަބައްޓަކައި ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، ޓެރަރިޒަމްއާއި ދެކޮޅަށް ކުރާ މަސައްކަތްކަށް 2.5 މިލިއަން ޑޮލަރުގެ އެހީ އަޅުގަނޑުމެން މިވަނީ ނިންމާފައި." ސަފީރު ތުމްބައިމާގް ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، ޓެރަރިޒަމްއާއި ދެކޮޅަށް ކުރާ މަސައްކަތުގައި ވިލާތުގެ އިއްތިހާދުން އެއްބާރުލުން ދިނުމަށް ވަޢުދުވެފައިވާއިރު، ޔުނައިޓެޑް ނެޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް، ޔޫއެންއޯޑީސީއިންވެސް ވަނީ މި ދާއިރާއިން ރާއްޖެއަށް އެހީވުމަށް ނިންމާފައެވެ.
ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ވިލާތުގެ އިއްތިޙާދުން އެހީ ދިނުމަށް ނިންމާފައި މިވަނީ ސަރުކާރުންވެސް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ފަށާފައިވަނިކޮށެވެ.. އެގޮތުން ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" އެކުލަވާލާ އެ ރިޕޯޓްގައިވާ ކަންކަން ތަންފީޒުކުރަމުންދާ މިންވަރު ބެލުމުގެ މަސައްކަތްވެސް ސަރުކާރުންވަނީ ފަށާފައެވެ.
"ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ މަސައްކަތު ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނައިގެން އެކުލަވާލާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ އެކަމަށްޓަކައި ހޯމް މިނިސްޓްރީން އެކުލަވާލި ކޮމިޝަނަކުންނެވެ.