ސިޔާސީ

މިސަރުކާރުގައި ވަޒީފާއިން ވަކިކުރާ މީހުންގެ ދަފްތަރެއް ޕީއެންސީން އެކުލަވާލަނީ


މި ސަރުކާރުގައި ވަޒީފައިން ވަކިކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ.

ރޭ ދަންވަރު ކުއްލިގޮތަކަށް ޕީޕީއެމް ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ، މިފަހަކަށް އައިސް އެންމެ ބޮޑަށް އިވޭވާހަކައަކީ ގިނަ ޢަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ އެމީހުންނަށް އިންސާފު ހޯދައިދިނުމަށް ޕީއެންސީން މަސައްކަތްކުރާނެ ކަމަށެވެ.

ޝުޖާއު ވަނީ ސަރުކާރުގެ ވަޒީފާއިން ވަކިކުރާ ފަރާތްތަކުން އެކަން ޕީއެންސީ އަދި ޕީޕީއެމަށް އަންގަމުން ގެންދިއުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އެޕާޓީގެ އޮފީހުން އެކަމަށް ޚާއްޞަ ފޯމެއް ދޫކުރަމުންދާނެ ކަމަށާއި، ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަންވެސް ފޯރުކޮށްދޭނެކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ވަޒީފާއިން ވަކިކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ ބޭނުމަކީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ވަޒީފާއިން ވަކިކުރީ ކިހާ މީހުންނެއްކަން ސާފުކުރުން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެއެވެ.

"ޕީޕީއެމް ޕީއެންސީ އޮފީހުން ދޫކުރާނެ މިކަމަށް ޚާއޞަ ފޯމެއް. ސީރިއަލް ނަންބަރު ޖަހާފަހުރި ފޯމެއް. ހަމައެކަނި އޮފީހުން ލިބޭނީ، ވެބްސައިޓުންވެސް އެފޯމް ނުލިބޭނެ. އަޅުގަނޑޫމެން ބަލާނަން މި ސަރުކާރު ނިމޭއިރު މީހުން ވަޒީފާއިން ވަކިކުރުމުގައި ރެކޯޑް ހާސިލްކުރި މިންވަރު." ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާއު ވަނީ 2023 ވަނަ އަހަރު ޕީއެންސީން ވެރިކަމަށް އަންނާނެކަމަށާއި، އަދި މިސަރުކާރުން ނުޙައްޤުން ވަޒީފާއިން ވަކިކުރި އެންމެނަށް ވަޒީފާ މުސާރައާއިއެކު ވަޒީފާ ހޯދައިދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މިސަރުކާރުން މުވައްޒަފުން ވަޒީފާއިން ވަކިކުރާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ގިނަ ޢަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ އަދާކުރާ ރަށްނޫން އެހެން ރަށްރަށް ބަދަލުކުރުމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެގެންދިޔައެވެ. އަދި ޕީޕީއެމްގެ މަސްލަހަތު އޮންނަ ފަރާތްތަކަށް ވަޒީފާ ދީފައިވާކަމަށްވެސް އޭރު ދިޔައީ ތުހުމަތުތައް ކުރެވެމުންނެވެ.

މިސަރުކާރުން ވަނީ ކުރީގެ ސަރުކާރުގައި ނުޙައްޤުން ވަޒީފާއިން ވަކިކުރި އެންމެނަށް ވަޒީފާ ހޯދައިދޭނެކަމަށް ވިދާޅުވެފައެވެ. އަދި އެމައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޚާއްޞަ ކޮމިޓީއެއްވެސް އެކުލަވާލައްވާފައެވެ.