ކުޅިވަރު

ގަލޮޅު ކުނިކޮށި ސަރަހައްދު ތަރައްގީކޮށް ވޮލީކޯޓެއް އަޅަނީ


ކުރީގެ ގަލޮޅު ކުނިކޮށި ސަރަހައްދުގައި އައުޓްޑޯ ވޮލީ ކޯޓެއް ޤާއިމް ކުރުމަށް ހަމަޖެހިފައިވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ކުޅިވަރާ ބެހޭ ވުޒާރާއިންވަނީ 100 ފުޓުބޯޅަ ދަނޑު ރާއްޖޭގައި އެޅާނެކަމަށް ބުނެފައެވެ. ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފު ވިދާޅުވީ، ފުޓުބޯޅައެކޭ އެއްފަދައިން ވޮލީ ކުރިއެރުވުމަކީވެސް ކުޅުވަރާބެހޭ ވުޒާރާގެ އަމާޒެއް ކަމަށެވެ.

މާލޭގެ ބިމުގެ ދަތިކަމަކީ ކުޅިވަރު ކުޅެން ހާއްސަ ކޯޓްތަކާއި ސްޓޭޑިއަމްތައް އެޅުމަށް ދިމާވާ ގޮންޖެހުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ނަމަވެސް މިނިސްޓަރ މަހުލޫފް ވިދާޅުވީ ކުރީގެ ގަލޮޅު ކުނިކޮށި ސަރަހައްދުގައި އައުޓްޑޯ ވޮލީ ކޯޓް އެޅުމަށް ޕްލޭނިންގ މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ. އަދި އެ ސަރަހައްދުގައި އެޅޭ ވޮލީ ކޯޓް ވެގެންދާނީ އެންމެ ރަނގަޅު ފެންވަރުގައި އެޅޭ އައުޓްޑޯ ކޯޓަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޕްލޭނިންގް މިނިސްޓްރީއާ ވާހަކަދައްކައިގެން މިހާރު އަޅުގަނޑުމެންނަށް އެބަ ލިބޭ، އެއީ ކުރީގެ ގަލޮޅު ކުނިކޮށިއޮތް ދިމާ. މި ހުރިހާ ކަމެއްވެސް ވާނީ އެތަންތަން ތަރައްގީކޮށްފަ. އަޅުގަނޑު (ވޮލީ ކުޅޭ) ކުދިންނަށްވެސް އަދި އެސޯސިއޭޝަނަށްވެސް ދޭން ބޭނުންވާ ޔަގީން ކަމަކީ އަޅުގަނޑުމެން ވޮލީ ކޯޓް ތަރައްގީކޮށް ކުޅޭނީ ދެން އައުޓްޑޯ އެންމެ ރަނގަޅު ފެންވަރަކަށް ވޮލީ ކޯޓެއް ގާއިމުކޮށްދީގެން" މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

މިހާރުގެ ގައުމީ ވޮލީ ޓީމްތައް ފަރިތަކުރަމުން ދަނީ ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލްގައިއާއި މޭރީބްރައުން ފަހަތުގައި އޮންނަ އައުޓްޑޯ ކޯޓްގައެވެ.