ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ލާޒިމްކުރާ ސިޔާސީ ޕާޓީގެ އޮޑިޓް ރިޕޯޓް ސުންގަޑި ހަމަވިފަހުން އިދިކޮޅު ޕީޕީއެމުން ހުށައަޅައިފިއެވެ.
ޕީޕީއެމްގެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދުކަމަށް އެޕާޓިން ބުނެއެވެ. ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، ސިޔާސީ ޕާޓީތަކުގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ލާޒިމްކުރާ އޮޑިޓް ރިޕޯޓް ޕީޕީއެމުން ހުށަހެޅީ މުއްދަތު ހަމަވިފަހުން ކަމަށެވެ. ޕީޕީއެމްގެ އޮޑިޓު ރިޕޯޓް އީސީން ބަލައިގެންފައި ވީނަމަވެސް އެޕާޓީއާ މެދު އަޅާނެ ފިޔަވަޅެއް މާދަމާ ބާއްވާ ބައްދަލުވުމުގައި އެކޮމިޝަނުން ނިންމަވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ސުންގަޑި ހަމަވިފަހުން ޕީޕީޢެމުން އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާއިރު، އަދާލަތު ޕާޓީއާއި ޑީއާރުޕީން އޮޑިޓް ރިޕޯޓް ހުށައަޅާފައި ނުވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގައިވާ ގޮތުން އެއްވެސް ޕާޓީއަކުން ޤާނޫނާ އެއްގޮތަށް ހިސާބުގެ ލިޔެކިޔުންތައް ބަލަހައްޓާފައިނުވާނަމަ، ނުވަތަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ، 20،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.
އަދި އެޕާޓީއެއް ޖޫރިމަނާކުރުމުގެ އިތުރަށް، އެ ޕާޓީއަކުން ކަނޑައަޅާފައިވާ ފަރާތް ނުވަތަ މަސްޢުލުވެރިޔާވެސް 5000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ޤާނޫނުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ދީފައެވެ.