5 ދުވަހުގެ ތެރޭގައި އެލައިޑް އިންޝުއަރެންސްގެ ކަސްޓަމަރުންނަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެލައިޑް އިންޝުއަންރެންސް ކޮމްޕެނީން ބުނެފިއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ޚިދުމަތް ދެމުން އަންނަ އެލައިޑުން ބުނީ މިހިނގާ މޭ މަހުގެ 5 އިން 9 ގެ ނިޔަލަށް އެކަނިވެސް އެއް މިލިއަން ހަތަރުސަތޭކަ އަށްޑިހަ ހަތްހާހަށް ވުރެ ގިނަ ރުފިޔާ އިންޝުއަރެންސްގެ ގޮތުގައި އެކުންފުނީގެ އެކި ކަސްޓަމަރުންނަށް ދޫކޮށްފައިވާކަމަށެވެ.
އެލައިޑުން އަންނަނީ ވިޔަފާރި ކުންފުނިތަކަށާއި އެކިއެކި ދާއިރާތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށްވެސް އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
އަމިއްލަ ފަރުދުންނަށް ޚާއްސަކޮށް އެލައިޑުން ފޯރުކޮށްދޭ މުހިންމު ބައެއް އިންޝުއަރެންސް ޚިދުމަތްތަކަށް ބަލާއިރު، ގެދޮރާއި އުޅަނދުފަހަރާއި މުދަލުގެ އިތުރުން ހައްޖާއި އުމްރާއަށް ހާއްސަ އިންޝުއަރަންސް ސްކީމްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެކްސިޑެންޓްތަކުގެ ސަބަބުން ލިބޭނެ ގެއްލުމާއި، ކުއްލި ހާލަތެއްގައި މީހަކު މަރުވެއްޖެނަމަ އެފަރާތެއްގެ އާއިލާއަށް އެހީތެރިވެދިނުމަށް ހާއްސަ ސްކީމްވެސް އެލައިޑުންދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ސިއްހީގޮތުން ކަމެއް ދިމާވެއްޖެ ހާލަތުގައި ސިއްހީ ފަރުވާއަށް ޚަރަދުކުރުމުގައި އެހީތެރިވެދޭނެ ހެލްތު އިންޝުއަރެންސް ސްކީމެއްވެސް އެކުންފުނިން ވަނީ ތައާރަފްކޮށްފައެވެ.
ވިޔަފާރި ކުންފުނިތަކަށް ހާޢްސަކޮށް އެލައިޑުންދޭ އިންޝުއަރެންސް ޚިދުމަތުގެ ތެރޭގައި ވިޔަފާރީ މުދަލާއި، އޮފިސް ފަދަ ތަންތަނަށް ހާއްސަ ސްކީމްތައް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން އަލިފާނާއި ޤުދުރަތީ ކާރިސާތަކުގެ ސަބަބުން ރިސޯޓު ހޮޓާތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ހާއްސަ އިންޝުއަރެންސް ސްކީމްތަކާއި، ވައްކަމުގެ މައްސަލަތަކާހުރެ ވިޔަފާރި އަދި ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ހާއްސަ އިންޝުއަރެންސް ސްކީމްތައް އެލައިޑުން ވަނީ ތައާރަފްކޮށްފައެވެ. މި ސްކީމްތަކަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެލައިޑުން ބުނެއެވެ.
އެލައިޑަކީ ރާއްޖެއަށް ފުރަތަމަ ފަހަރަށް އިންޝުއަރެންސްގެ ޚިދުމަތް ތައާރަފްކުރި ކުންފުންޏެވެ. އެ ކުންފުނި އުފެއްދީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އިންޝުއަރެންސް ކުންފުންޏާއި އެސްޓީއޯ ގުޅިގެން 1985 ވަނަ އަހަރުއެވެ. ނަމަވެސް 1987 ވަނަ އަހަރު އެލައިޑްގައި އޮތް ކޮމާޝަލް ޔޫނިއަންގެ ހިއްސާ އެސްޓީއޯ އިން ވަނީ ގަނެފައެވެ.