ރާއްޖޭގެ މީޑިއާތައް ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ހޯމް މިނިސްޓްރީއާއެކު މަޝްވަރާކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވީ ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި މީޑިއާތައް ތަރައްޤީކުރުމަށް ހަރުދަނާ އުސޫލެއް ގާއިމުކުރުމަށާއި މީޑިއާ ތަކުގެ ދަފްތަރު އެކުލަވާލުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމާބެހޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ޤާނޫނީ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމުގައި ޓެކްނިކަލް ލެވެލްގައި މަސައްކަތް ކުރުމަށާއި، މީޑީއާތައް ރެގިއުލޭޓު ކުރުމަށް ހަރުދަނާ އުސޫލެއް އެކުލަވާލުމާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަށް މީޑިއާ ކައުންސިލުން މަޢުލޫމާތުދެއްވިއެވެ.
އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ރަށްރަށުގައި ކުރިއަށް ގެންދަން ރާވާފައިވާ އެޑްވޮކަސީ ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާއިރު މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު އިތުރަށް ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމަށް ބޭރުގެ ފަންނީ ބޭފުޅުންނާއި، ރާއްޖޭގެ ފަންނީ ބޭފުޅުންގެ ލަފާ ހޯދުމަށް މިބައްދަލުވުމުގައިވަނީ މަޝްވަރާ ކޮށްފައެވެ.
އެމްއެމްސީން މަޢުލޫމާތުދޭގޮތުގައި ކުރިއަށް އޮތްތަނުގައި ހޯމް މިނިސްޓްރީއާއެކު ޓެކްނިކަލް ލެވެލްގެ މަޝްވަރާތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގެ މީޑިއާތައް ތަރައްޤީ ކުރުމަށް ހަރުދަނާ އުސޫލެއް ގާއިމުކުރުމަށް އެމްއެމްސީއިން ހޯމް މިނިސްޓްރީއާއިއެކު މަޝްވަރާކޮށްފައިވާއިރު، އެމްއެމްސީއިން ދާދިފަހުންވަނީ މިޑީއާގެ ދާއިރާ މަތީ ހަރުފަތަކަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ބަޖެޓް މީޑިއާ ކައުންސިލްގައި ނެތުންކަން ފާހަގަކުރައްވާފައެވެ.