ޚަބަރު

ސޫރިޔާގައި ހާލުގައިޖެހިފައިވާ ކުދިންނަށް ޙާއްސަ ސްކޫލެއް އައިއޭސީއިން ބިނާކުރަނީ


ސޫރިޔާގައި ހާލުގައި ޖެހިފައިތިބި ކުދިންނަށް އަސާސީ ތަޢުލީމު ފޯރުކޮށްދިނުމައްޓަކައި، އެ ޤައުމުގައި ސްކޫލެއް ބިނާކުރުމަށް ނިންމާފައިވާކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީއިން ބުނެފިއެވެ.

އައިއޭސީން ވަނީ ސޫރިޔާގައި ދިރިއުޅޭ ކުޑަކުދިންގެ ޙާލަތު ދައްކުވައިދޭ ވީޑިއޯއެއްވެސް ދާދިފަހުން އާންމުކޮށްފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މަޢުލޫމާތުދެއްވަމުން، އައިއޭސީގެ އިންޓަނޭޝަންލް ރިލޭޝަންސް އޮފިސަރ މުޙައްމަދު ޢަލީ ވިދާޅުވީ، ސޫރިޔާގައި ހާލުގައި ޖެހިފައިތިބި ކުދިންނަށް އެހީވުމަށް އައިއޭސީއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެ ޖަމްޢިއްޔާއިން މިހާރު ވަނީ އެ ސަރަހައްދުގައި ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް ރަމަޟާންމަހަށް ޙާއްޞަކޮށްގެން ކާނާގެ ބާވަތްތައް ބެހުމުގެ މަސައްކަތްވެސް ފަށާފައެވެ.

މުޙައްމަދު ޢަލީ ވިދާޅުވީ، ސޫރިޔާގައި ހާލުގައި ޖެހިފައިތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ކުދިންނަށް އަސާސީ ތަޢުލީމު ފޯރުކޮށްދިނުމައްޓަކައި، އެ ޤައުމުގައި ސްކޫލެއް ބިނާކުރުމަށް ނިންމާފައިވާކަމަށެވެ. މި ސްކޫލް ފުރަތަމަ ޕްރީ ސްކޫލެއްގެ ގޮތުގައި ހުޅުވަން ނިންމާފައިވާއިރު، މިކަމަށް ބޭނުންވާ ފަންޑު ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިންގެ ދީލަތި އެހީއާއެކު ލިބޭ ފަންޑުން ކުރިއަށްއޮތްތަނުގައި މި ސްކޫލުން ޕްރައިމަރީއާއި ސެކަންޑަރީއަށް ކިޔަވައިދެވޭ ފެންވަރަށް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށްވެސް މުޙައްމަދު ޢަލީ ވިދާޅުވިއެވެ. އަދި މި ސްކޫލުގައި ކިޔަވައިދޭން ފަށާއިރު ދިމާވާނެ އެެންމެ ބޮޑު ގޮންޖެހުމަކީ މަހުންމަހަށް ސްކޫލް ކުދިންނަށް ފޯރުކޮށްދޭންޖެހޭ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ދަތިކަންކަމަށާ އެހެންކަމުން އެކަން ހައްލުކުރުމަށްފަހު މި ޕްރޮޖެކްޓް ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރުމަށް ނިންމާފައިވާކަމަށެވެ.

"މި ސްކޫލް ފުރަތަމަ ޕްރީ ސްކޫލެއްގެ ގޮތުގައި ހުޅުވާނީ. އެގޮތުން މިކަމަށް ބޭނުންވާ ފަންޑު ވަނީ ހަމަޖެހިފައި. އަދި ދިވެހިންގެ ދީލަތި އެހީއާއެކު ލިބޭ ފަންޑާއިއެކު ކުރިއަށްއޮތްތަނުގައި މި ސްކޫލް ޕްރައިމަރީއަށް އައި ސެކަންޑަރީއަށް ކިޔަވައިދޭ ފެންވަރަށް ތަރައްޤީކުރާނަން. މި ކަމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މަހުންމަހަށް ސްކޫލް ކުދިންނަށް ފޯރުކޮށްދޭންޖެހޭ ވަސީލަތްތަށް ފޯރުކޮށްދިނުމުގެ ދަތިކަންކަން." މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އައިއޭސީގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ، ދިވެހިރާއްޖެއަކީ ސީރިޔާ އާއި ފަލަސްތީނު ފަދަ ސަރަހައްދުތަކަށް މެދުކެނޑުމެންނެތި އެހީ ފޯރުކޮށްދޭ މަދު ޤައުމުތަކުގެ ތެރެއިން ޤައުމަކަށް ކަމަށެވެ.

އައިއޭސީއިން ޔަމަނާއި މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވި ސަބަބު ހާމަކުރައްވަމުން ނާއިފް ވިދާޅުވީ، އެ އެހީ ލަސްވީ އަމާނާތްތެރިކަމާއެކު ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮއްދޭނެ އެފިލިއޭޓުން ހޯދުމުގައި އައިއޭސީއަށް ދިމާވި ދަތިކަމުގެ ސަބަބުންކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލަނީ ޓްރަސްޓް ވޯތީ އެފިލިއޭޓްސް ނުވަތަ ބައިވެރިން ހޯދުމަށް. މިގޮތުން އީހާހާ ފަދަ ޖަމިއްޔާތަކަށް ދިވެހިންގެ އިތުބާރު މިވަނީ ލިބިފައި. މި ސަބަބައްޓަކައި ޔަމަން އަދި ރޮހިންޔާގައި އެހީ ފޯރުކޮށްދިނުމަށް ލަސްތަކެއް މެދުވެރިވީ." އާދަމް ނާއިފް ވިދާޅުވިއެވެ.

އައިއޭސީއިން ސޫރިޔާގައި ހާލުގައި ޖެހިފައިތިބި ކުދިންނަށް އަސާސީ ތަޢުލީމު ފޯރުކޮށްދިނުމައްޓަކައި، އެ ޤައުމުގައި ސްކޫލެއް ބިނާކުރުމަށް ނިންމާފައިވާއިރު، ޣާޒާގައި ހާލުގައި ޖެހިފައިވާ ކުޑަކުދިން ސްކޫލަށް ދިއުމަށް ސްކޫލް ބަސްތަކެއް ހަދިޔާކުރުމަށްވެސް ޙާއްސަ ކެމްޕޭނެއް އައިއޭސީއިންވަނީ ކުރިއަށް ގެންގޮސްފައެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނަކީ ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ގިނަ ޖަމްޢިއްޔާތަކެއް އެއްވެގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2016 ވަނަ އަހަރު ފެށި ހަރަކާތެކެވެ. މި ކެމްޕޭނުންވަނީ ސޫރިޔާގެ އެކި ސަރަހައްދުތަކާއި ރޮހިންގޔާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ.