ޚަބަރު

މިރޭ 12:00 އިން ފެށިގެން ލަންކާގައި ކުއްލި ޙާލަތު އިޢުލާންކުރަނީ


ސްރީ ލަންކާގައި ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން މިރޭ 12:00 އިން ފެށިގެން އެޤައުމުގައި ކުއްލި ޙާލަތު އިޢުލާންކުރަން ނިންމައިފިއެވެ.

ލަންކާގައި ސްޓޭޓް އޮފް އިމަރޖެންސީ ހިންގުމަށް ނިންމީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ލަންކާގައި އިއްޔެ ދިން ބޮމުގެ ޙަމަލާތަކާއި ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް އިއްޔެ އިޢުލާންކުރި ކާފިއު މިހާރު އުވާލާފައިވީނަމަވެސް، މިރޭ 8:00 އިން ފަތިހު 4:00 އަށް އަނެއްކާވެސް ކާފިއު އިޢުލާންކުރުމަށް ނިންމާފައިވާކަމަށްވެސް ލަންކާގެ ސަލާމަތީ ބާރުތަކުން ބުނެއެވެ.

ލަންކާގައި ދިން ޙަމަލާތަކާ ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އެމީހުންގެ އެއްވެސް މަޢުލޫމާތެއް ސަލާމަތީ ބާރުތަކުން ހާމަކޮށްފައެއް ނުވެއެވެ.

ލަންކާގައި އިއްޔެ ޙަމަލާތަކެއް ދީފައިވާއިރު މިއަދުވެސް ވަނީ ކޮލަމްބޯގެ ބަސް ސްޓޮޕެއްގެ ކައިރިން، 87 ބޮން ފެނިފައެވެ. އަދި މި ބޮންތައް ނައްތާލަން އުޅުމުގެ ތެރޭގައި ބައެއް ބޮންތައް ގޮވާފައިވާކަމަށް ޙަބަރުތައް ލިބެއެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އެތައް އަހަރަކަށް ދިގުލައިގެން ދިޔަ ސްރީލަންކާގެ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ފަހުން އިއްޔެ ވެގެންގޮސްފައި ވަނީ ލަންކާއަށް ބިރުވެރި ނަމާން ދުވަހަކަށެވެ. ވަކިވެ ގަންނަން މަސައްކަތް ކުރި ތަމަޅަ ޓައިގަރުންނާ ސްރީލަންކާގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ލޭ އޮހޮރުވުން ބޮޑު ހަނގުރާމައިގައި ތެރޭގައި ސްރީލަންކާގެ ރައްޔިތުންނަށް ގިނަ ވޭންތަކާ ކުރިމަތިލާން ޖެހުނު އިރު ވޭތުވެދިޔަ އަހަރުތަކަކީ ގައުމު އާރާސްތުކުރުމާއި ހަނގުރާމައިން ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރާ ރައްޔިތުން ގުޅިގެން ސުލްޙަވެރި ކަމާއެކު މަސައްކަތް ކުރަމުން ދިޔަ އަހަރުތަކެކެވެ.

އެހެންނަމަވެސް ބައެއް ފައްޅިތަކާއި ޓޫރިސްޓް ހޮޓާތަކަށް، އަމިއްލަ އަށް މަރުވެގެން އިއްޔެ ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާގެ ސަބަބުން ޤައުމު ދާޚިލީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރެއަށް މިހާރު އަނެއްކާވެސް މިވަނީ ވެއްޓިފައެވެ.

މި ނުރައްކާތެރި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ރަސްމީކޮށް އުފުލާފައެއް ނުވެއެވެ. މިހަމަލާތައް ދިނުމުގައި ބައިނަލްއަޤްވާމީ ނުރައްކާތެރި ނެޓްވޯކްތަކެއްގެ ޝާމިލުވުންވެސް ހިމެނޭކަމަށް ލަންކާގެ ސަރުކާރުން ބުނެއެވެ. އެހެންކަމުން ސްރިލަންކާގައި ދިން ބޮމުގެ ޙަމަލާތައް ތަޙުޤީޤުކުރުމުގައި ބައިނަލްއަޤްވާމީ ތަޙުޤީޤީ އިދާރާތަކުގެ އެހީ ހޯދުމަށް ސްރިލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ މިހާރު މިވަނީ ނިންމަވާފައެވެ.

ސްރިލަންކާގެ ކެބިނެޓްގެ ތަރުޖަމާން ރަޖިތާ ސްރިރަތްނަ ވިދާޅުވީ، ބައިނަލްއަޤްވާމީ ނެޓްވޯކްތަކުގެ ޝާމިލުވުމަކާއި ނުލާ، މިފަދަ ބޮޑު ލޭ އޮހޮރުވުމެއް ރާވާ ކާމިޔާބުކުރުމުގެ ޤާބިލިއްޔަތުކަމެއް ލަންކާގެ ތެރޭގައި އުޅޭ ޓެރަރިސްޓުންގެ ކިބައިގައި ނުހުންނާނެކަމަށެވެ. މިކަން ލަންކާގެ އިންޓެލިޖެންސް ރިޕޯޓުން ހާމަވާކަން ފާހަގަކުރައްވާ ތަރުޖަމާނު ވިދާޅުވީ، މި ހަމަލާގެ ފަހަތުގައިވާ ލަންކާ އަދި ބައިނަލްއަޤްވާމީ ނެޓްވޯކްތަކުގެ ފަހަތުގައިވާ ފަރާތްތައް ދެނެގަތުމަށް ލަންކާގެ ރައީސް މިހާރު ބައިނަލްއަޤްވާމީ ތަޙުޤީޤީ އިދާރާތަކުގެ އެހީއަށް އެދިފައިވާކަމަށެވެ. ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ މި ހަމަލާތަކުގެ ފަހަތުގައި ނެޝަނަލް ތައުހީދު ޖަމާއަތް ނަމަކަށް ކިޔާ ލަންކާގެ އެތެރޭގައި ޖަމާއަތުގެ ޝާމިލުވުންވާކަމަށް ތުހުމަތުކުރެވޭކަމަށެވެ.

ސްރީލަންކާގައި އިއްޔެ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު 290 އަރާފައިވާއިރު މިހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ފަސް ސަތޭކައަށް އަރާކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި 36 ބިދޭސީއަކާއި ފުލުހުންގެ ތިން މީހަކުވެސް ހިމެނެއެވެ.