އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީން ފަލަސްޠީނުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފުރަތަމަ އެހީ ދިނުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އައިއޭސީއިން ދަނީ ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތް، އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން މިދިޔަ މަހުގެތެރޭގައި ޣައްޒާއަށް ޢުދުވާނީ ޙަމަލާއެއް ދީފައިވާއިރު، މިޙަމަލާގެ ސަބަބުން އެތަށް ބަޔަކު ޝަހީދުވެ އެތަށް ހާސްބަޔަކު ވަނީ ޙާލުގައި ޖެހިފައެވެ. މި ޙަމަލާތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް، އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ރާއްޖޭގެ މަދަނީ ޙަރަކާތެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީއިން ވަނީ "ޣައްޒާ އެމެޖެންސީ ރިލީފް"ގެ ނަމުގައި ޙާއްސަ ކެމްޕޭނެއް ފަށާފައެވެ.
މި ކެމްޕޭންގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން، އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ ޣައްޒާގެ އެމެޖެންސީ ރިލީފް" ކެމްޕޭންގެ ދަށުން އެއްކުރާ ފައިސާއިން ޣައްޒާގައި ޙާލުގައި ޖެހިފައިވާ މީހުންނަށް ކާނާއާއި އެހެނިހެން ތަފާތު އެހީތަށް ފޯރުކޮށްދެމުންދާކަމަށެވެ. އެގޮތުން، ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ކެއުމަށް ބޭނުންވާ ތަކެތީގެ ޕެކޭޖްތަށް ޣައްޒާ ރައްޔިތުންނަށް ބަހަމުންދާކަމަށް ނާއިފް ވިދާޅުވެއެވެ.
ނާއިފް ވަނީ، ފަލަސްޠީނުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފުރަތަމަ އެހީ ދިނުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ތަމްރީން ޕްރޮގްރާމްގެ ދަށުން، ފަސްޓް އެއިޑް ކިޓްތަށް ޣާއްޒާގެ ސިއްޙީ ޚިދުމަތްދޭ ފަރާތްތަކާވަނީ ޙަވާލުކޮށްފައެވެ. ޣައްޒާގައި ޙަރަކާތްތެރިވާ "ފަލާޙް ޗެރިޓަބަލް ސޮސައިޓީ"އާ ގުޅިގެން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި ވަނީ ޒަޚަމްވެ އަނިޔާވާ މީހުންނަށް ފުރަތަމަ އެހީ ދޭނެގޮތްތައް ކިޔައިދީފައެވެ.
ޣައްޒާގައި މިފަދަ ގިނަ ޙަރަކާތްތަކެއް އައިއޭސީއިން ކުރިއަށްގެންދާއިރު، ޣައްޒާގެ ރައްޔިތުންވަނީ މި އެހީތަކަށްޓަކައި ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކޮށްފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނަކީ އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ރާއްޖޭގެ ގިނަ ޖަމްޢިއްޔާތަކެއް ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ދުނިޔޭގެ އެކިހިސާބުތަކުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައިއޭސީއިން މަސައްކަތްކުރެއެވެ. އެގޮތުން މިޙަރަކާތުންވަނީ ސޫރިޔާގެ އެކި ސަރަހައްދުތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނާއި، މިޔަންމާގެ ރޮހިންގޔާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ.