ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުންނަށް ޞުލްޙަވެރި ކަމާއި އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނޭ މަގުތައް ތަނަވަސްކޮށް ފަހި ކޮށްދިނުމަށޓަކައި ސަލާމަތި ބާރުތަކުގެ ޚިދުމަތަކީ ޤާނޫނު އަސާސީން ލާޒިމުކުރާ ޚިދުމަތެކެވެ. ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަތީ ދިވެހިރާއްޖޭހެ ޤާނޫނީ ވެރިކަމާއީ ސިޔާދަތާއި، މިނިވަންކަން ޙިމާޔަތްކޮށް، ދިވެހިރާއްޖޭގައި އަމަން އަމާންކަމާއި، ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެކެވެ.
ރާއްޖޭގައި ސަލާމަތީ ބާރުތައް އެކުލެވިގެންވަނީ ސިފައިންނާއި ފުލުހުންގެ މައްޗަށެވެ. ދިވެހިރާއްޖެއަކީ ދައުލަތެއްގެ ގޮތުގައި ކަނޑައެޅި މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށި ހިސާބުންވެސް އެކި ސިފަ ސިފައިގައި ސަލާމަތީ ޚިދުމަތްތައް ޤާއިމުކުރެވި ހިނގަމުންދިޔައެވެ.
ސަލާމަތީ ބާރެއްގޮތުގައި ރަސްމީކޮށް ސިފައިންގެ ޚިދުމަތް ރާއްޖޭގައި ދޭންފަށާފައިވަނީ މީގެ 126 އަހަރުކުރިންނެވެ. މިއަދަކީ ދިވެހިރާއްޖޭގައި މަދަނީ ސަލާމަތައީ ރައްކާތެރިކަން ޤާއިމުކުރުމަށް ފުލުހުންގެ ޚިދުމަތް ދޭން ފެށިތާ 86 އަހަރު ފުރުނުދުވަހެވެ.
ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވާފައިވަނީ 1933 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. ދިވެހި ފުލުހުންގެ ޚިދުމަތް އުފެއްދެވީ، 1932 ވަނަ އަހަރު، އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި އެކުލަވާލެއްވި ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީން ބާރު ލިބިގެންނެވެ.
އޭރު ފުލުހުންގެ ޚިދުމަތަކީ، ދިވެހި ސިފައިންގެ ޚިދުމަތް ނުވަތަ ޤައުމީ ދިފާޢީ ބާރާއެކު އެއް ފުރާޅެއްގެ ދަށުން ދެވެމުންދިޔަ ޚިދުމަތެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ބޮޑު ބަދަލަކީ، ފުލުހުންގެ ޚިދުމަތް އުފެދުނުތާ 71 އަހަރު ފަހުން، ފުލުހުންގެ ޚިދުމަތް ވަކިކުރައްވައި، ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމެވެ. މިގޮތަށް ސަރުކާރުން ހަމަޖެއްސީ 2004 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ އެއްވަނަދުވަހުއެވެ.
ފުލުހުންގެ ދައުރަކީ މުޖުތަމަޢުގެ އަމަން އަމާންކަން ބެލެހެއްޓުމެވެ. އެ މަސައްކަތް ކުރުމުގައި ފުލުހުން ދަނީ 24 ގަޑިއިރުގެ ޚިދުމަތް ދެމުންނެވެ. ޤައުމުގައި ހުރި ބޮޑެތި ކުށްތައް ހޯދައި ބަލައި، އެކަންކަން ތަޙުޤީޤުކޮށް، މުޖުތަމައު ހޭލުންތެރިކޮށް، ކުށަށް އަރައިގަންނަ މިންވަރު މަދުކުރުމުގައި ފުލުހުންގެ ދައުރު ވަރަށްވެސް ބޮޑެވެ.
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ފުލުހުންގެ ދައުރުކަމުގައި ބަޔާންކޮށްފައިވަނީ މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތްކޮށްދީ، އެމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމާއި، ޖިނާއީ ކުށްތައް ތަޙްޤީގު ކުރުމާއި، ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، މައްސަލަތައް ޝަރީޢަތަށް ހުށައެޅުމަށް ބޭނުންވާ ތައްޔާރީތައް ކުރުމާއި، ޤާނޫނު ނެގެހެއްޓުމެވެ.
ފުލުހުންގެ މައްޗަށް ޤާނޫނުން މަތިކުރާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމުގެ މަގުފަހިކުރުމުގެ ގޮތުން ފުލުހުންގެ ޚިދުމަތް މުޅިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކުރުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.
ފާއިތުވި ދުވަސްތަކުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ފުޅާކުރެވިފައެވެ. ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފުލުހުންގެ ޚިދުމަތް ފެތުރިފައިވާއިރު، ގިނަ ރަށްރަށުގައި ވަނީ ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރައްވާފައެވެ. ވެރިރަށް މާލޭގައި މައި މަރުކަޒު ޤާއިމްކުރައްވާފައިވާއިރު، ރާއްޖެ ހަތް ސަރަޙައްދަކަށް ބަހާލައިގެން، ހަތް ޑިވިޜަން އުފައްދާފައިވެއެވެ. އަދި ކޮންމެ އަތޮޅެއްގައި އަތޮޅު ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރައްވާފައިވެއެވެ. އަދި ވެރިކަންކުރާ ރަށްތަކުގެ އިތުރުން މީހުން ދިރިއުޅޭ ގިނަ ރަށްތަކުގައި މިހާރު ވަނީ ފުލުހުންގެ ޚިދުމަތް ޤާއިމްކުރައްވާފައެވެ.
އެގޮތުން ބޮޑެތި އާބާދީތައް ހިމެނޭ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށްފައިވާއިރު، ކުދި އާބާދީތައް އޮންނަ ގިނަ ރަށްރަށުގައިވެސް ޕޮލިސް ޕޯސްޓްތައް މިހާރު ވަނީ ޤާއިމުކުރައްވާފައެވެ. އެގޮތުން މާލެސިޓީ ނުހިމެނޭގޮތުން ރާއްޖޭގެ 18 އަތޮޅާއި، 2 ސިޓީގައި ޖުމްލަ 79 ފުލުހުންގެ މަރުކަޒުވަނީ ޤާއިމުކުރައްވާފައެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މީގެ ކުރިން ހޯދިފައި ނުވާފަދަ ކާމިޔާބީއެކެވެ.
ދިވެހިރާއްޖޭގައި އަމަން އަމާންކަން ޤާއިމުކުރުމަށާއި، ކުށްކުރުން މަދުކޮށް، ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރުމަށް ދިވެހި ފުލުހުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ ދިވެރި ރައްޔިތުން އުފަލާއެކު ބަލައިގަންނަ ކަންތައްތަކެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެވެ. ޢާންމުންނަށް ދިރިއުޅެން ފަސޭހަ އަމާން ސުލްޙަވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކާ، ދިވެހި ފުލުހުންގެ އެންމެހައި ޚިދުމަތަކީ ދިވެހި ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހެއްގެ ޢާންމު ދިރިއުޅުމާ އެންމެ ބޮޑަށް ގުޅިފައިވާ އެއްކަންތަކެވެ.
ޤާނޫނުއަސާސީގައި ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފުލުހުންގެ ބަދަހި ސަފުތައް ރައްޔިތުންގެ ޚިދުމަތުގައި ޒަމާނުންސުރެ ދެގޮތެއްނުވެ ދެމިތިބިކަމީ، ދިވެހި ޤައުމާއި ރައްޔިތުން ފަޚުރުވެރިވާ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ފަރާތުން ގެއްލިފައިވާ އިތުބާރު އަލުން ހޯއްދަވައިދެއްވުމުގެ މަސައްކަތެވެ. އެކަމަށްޓަކައި ކުރައްވާ އެންމެ މުހިންމު މަސައްކަތަކީ ފުލުހުންގެ މުއައްސަސާ "ރިޕޯމް"ކުރުމެވެ. އެކަމަށްބޭނުންވާ ފަންނީ އެހީތެރިކަން ހޯދާ ޢާންމުންނާއި ފުލުހުންގެ މުއައްސަސާގެ އެތެރެއިންވެސް އެ މުއައްސަސާއަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ މިހާރު އޮތީ ތަންފީޒީ މަރުހަލާގައެވެ.
މީގެ އިތުރުން ފުލުހުންނާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާއި މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަގީންކަން ކަށަވަރު ކުރުން ކަމަށް ފުލުހުން މިއަހަރު ވަނީ ނެއިބަރހުޑް ޕޮލިސްގެ ނަމުގައި އައު ޚިދުމަތެއް ދޭން ފަށްޓަވާފައެވެ. މިއީ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ދުރުކޮށްދީ ނެއިބަހުޑްގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން އެސަރަހައްދުގައި އަމާން ވެއްޓެއް ގާއިމުކޮށްދިނުމުގެ މަޤްޞަދުގައި އުފެއްދެވި ޚިދުމަތެކެވެ. މި ނޫނަށް ފުލުހުންގެ އައު ސްޓޭރެޓެޖިކް ޕްލޭން އެލުލަވާލައްވާ ފުލުހުންގެ މުއައްސަސާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށްޓަވާފައެވެ.