ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުން ހަދާ ޤަވާޢިދަށް އިސްތިޝާރީ ލަފައަކަށް ސުޕްރީމް ކޯޓުގައި އެދުމަށް ތަޅުމަށް ހުށައެޅި ޤަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ. މި ޤަރާރަށް މަޖިލީހުގެ ތަޅުމުގައި ކުރެއްވި ބަހުސް ހޫނުވެ ސަރުކާރަށް ތާޢީދުކުރާ ބައެއްމެންބަރުންގެ ބަހުގެ ހޫނުހަމަލާތަކެއް ރިޔާސަތަށް ރައްދުކުރެއްވިއެވެ.
ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުވައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭ ގޮތުން މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނައުމަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެވިދާނެކަމަށް ނިންމައި ސުޕްރީމް ކޯޓުން ވަނީ މަޖިލީހަށް ސިޓީ ފޮނުވާފައެވެ. މިކަމާއި ގުޅިގެން މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ބަހުސްކުރުމަށް ރިޔަސަތުން ހުޅުވާލި ފުރުޞަތުގައި އެމްޑީޕީގެ މެންބަރުން ވަނީ ކޯފާ އިސްކުރައްވައި މަޖިލީހުގެ ރިޔާސަތަށް ހޫނު ބަހުގެ ޙަމަލާތަކެއް ރައްދުކުރައްވާފައެވެ.
މަޖިލީހުގެ ޢާންމު ކޮމިޓީން ގެނައި އިޞްލާޙުގައިވަނީ ވަޒީރުންނާއި، ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްވެއްޖެނަމަ އެ މީހަކު ވަގުތުން މަޤާމުން ވަކިވާނެކަމަށެވެ. ނަމަވެސް އެއީ ސުޕްރީން ކޯޓުން 2017ވަނަ އަހަރު ނިންމި ނިންމުމާއި ޚިލާފުކަމެއްކަމަށް ގިނަ މެންބަރުން ގެންދެވީ ވިދާޅުވަމުންނެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ، ސިޔާސީ ބޭނުމަކަށް އިތުބާރު ނެތް ކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އެފަދަ ވޯޓެއް ނަގަންވާނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ކަމަށެވެ. އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ނަމަވެސް އެންމެފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށާއި އެގޮތަށް ނިންމުމުން ސުޕްރީމް ކޯޓުގެ ހުކުމަށް މަޖިލީހުން ތަބާވާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ ވިދާޅުވެފައެވެ.
އެކަމަށް އިޝާރާތްކުރައްވައި އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކޮށް މަޤާމުން ވަކިކުރުމަކީ ޤާނޫނު އަސާސީން މަޖިލީހަށް ދީފައިވާ ބާރެއްކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން ސުޕްރީން ކޯޓްގެ ލަފައެއް ހޯދަން ނުޖެހޭނެކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނޫން މިއީ. ޑިމޮކްރަޓިކް ހަމަތަކާ އެއްގޮތަށް ޤައުމު ހިންގުމުގެ ފުރުޞަތު ސަރުކާރަށް ދޭންއެބަޖެހޭ. ޤައުމު ހަލާކުކޮށްލަން ސިޔާސީ މީހުން ބޭނުންވީމަ އެ ފުރުޞަތު ދޭން ނުޖެހޭ." މެންބަރުން ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ޤަވާއިދާއި ޤާނޫނު އަސާސީއާއި ޚިލާފަށް ޢަމަލުކުރައްވާކަމަށް ބައެއް މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. އެކަމަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޤާސިމް އިބްރާހީމް ވިދާޅުވީ، ބައެއް މެންބަރުން މައްސަލައިގެ ހަޤީޤަތް އޮޅުވާލުމަށް މަސައްކަތްކުރައްވާކަމަށެވެ. އެގޮތުން މި މައްސަލާގައި ސުޕްރީމް ކޯޓުގެ ނިންމުން މުރާޖާކުރުމަށް އެދެން ނިންމާފައި ނުވާކަމަށާއި، އިޝްތިޝާރީ ލަފައަކަށް އެދުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. އެއީ މުޅިން ދެކަމެއްކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ، މަޖިލީހުގެ ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާކަމަށެވެ.
"ޤާނޫނު އަސާސީއާއި މަޖިލީހުގެ ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް އަޅުގަނޑު ނުކުރަން. ޤާނޫނު އަސާސީ ނަގަހައްޓަމުން މިދަނީ. އެހެންވެ އަޅުގަނޑު މި މަޤާމުގައި މި އިނީވެސް." ޤާސިމް ވިދާޅުވި.
އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދާނެ އުސޫލެއް މަޖިލީހުގެ ޢާންމުކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމުގައި އެކަމަށް ގޮތެއް ނިންމުމުގައި މެންބަރުންގެ ޚިޔާލު ތަފާތުވެފައި މިވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް، އެމައްސަލަ ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ޤަވާޢިދަށް އިސްލާޙު ގެނެސްގެންކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.
ވަޒީރުންނާއި، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުން ހަދާ ޤަވާއިދަށް އިސްތިޝަރީ ލަފައަކަށް ސުޕްރީމް ކޯޓުގައި އެދުމަށް ތަޅުމަށް ހުށައެޅި ޤަރާރު ފާސްނުކޮށް ތަޅުމުން ބޭރުކޮށްލީ 30 މެންބަރުންގެ ވޯޓުންނެވެ.