ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަސް ހަމަވާނީ އަންނަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސައްކަތު 100 ދުވަހުގެ ތެރޭގައި ކުރައްވާނެކަމަށް ވިދާޅުވި ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަން ރައީސް ސާލިހު ވަނީ މިއަދު ށ. މިލަންދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަގަފުޅުގައިވެސް ފާހަގަ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓު އިބްރާހީމް ހޫދު ވިދާޅުވީ ރަސްމީ ދުވަސްތައް ހިމަނައިގެން މަސައްކަތު 100 ދުވަސް ހަމަވާނީ އަންނަ މަހުގެ 12 ވަނަ ދުވަހައް ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ޙޫދު ވިދާޅުވީ ސަތޭކަ ދުވަސް ހަމަވާން 10 ދުވަހަށް ވުމުން ކައުންޓް ޑައުންއެއް ފައްޓަވާނެކަމަށާއި، އޭޕްރީލް 12 އާއި ހަމައަށް 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބޮޑެތި ގިނަ ކަންކަން ހާސިލުކުރެވޭނެކަމަށެވެ. އަދި ހާސިލުނުވެ ހުރިކަމެއް ނަމަ އެކަމުގެ ތަފްސީލުވެސް ސަރުކާރުން ހާމަކުރައްވާނެކަމަށް ހޫދު ވިދާޅުވިއެވެ.
ސަރުކާރުގެ މަސައްކަތު 100 ދުވަސް ހަމަވާ ދުވަސް އަންނަވާއިރަށް ސަރުކާރުގެ އެކި ވުޒާރާތަކުން އެވުޒާރާއަކާއި ހަވާލުވެފައިވާ ކަންކަމުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަމުންދާނެކަމަށްވެސް އިބްރާހީމް ޙޫދު ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވެރިކަމުގެ ހުވާ ކުރެއްވީ، މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ސަރުކާރުން ވިދާޅުވެފައިވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުރިހަމަކުރުމަށް ބަލާނީ ރަސްމީ ދުވަސްތައް ގުނައިގެން 100 ދުވަސް ހަމަވާ ދުވަހަށް ކަމަށެވެ.