ސިޔާސީ

ވޯޓަރސް ލިސްޓްތަކުގައި ސޮއިކުރުން މާދަމާ


އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓް ލުމުގެ ހައްޤުލިބިގެންވާ މީހުންގެ ލިސްޓްގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކުރަން މާދަމާ ފަށްޓަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އެކޮމިޝަނުން ވިދާޅުވީ ވޯޓަރސް ލިސްޓްގައި ސޮއިކުރުން ކުރިއަށް ދާނީ މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް އިންތިޚާބާ ގުޅޭ މަރުކަޒުގައި ކަމަށެވެ.

އެގޮތުން މިމަހުގެ 24 އަދި 25 ވަނަ ދުވަހު ވޯޓާސް ލިސްޓްގައި ސޮއިކުރުން ކުރިއަށްދާނީ ހެނދުނު 8:30އިން ރޭގަނޑު 10:30އަށް ކަމަށާއި، މިމަހުގެ 26 ވަނަ ދުވަހު ސޮއިކުރުން ކުރިއަށްދާނީ ހެނދުނު 8:30އިން ފެށިގެން މެނދުރު 3:00އާ ހަމައަށްކަމަށް އިލެކްޗަނުން ވިދާޅުވެއެވެ.

ދެހާސްތޭރަވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނުގައި ވިދާޅުވެފައިވާ ގޮތުން އިލެކްޝަން ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓަރސް ލިސްޓު ޞައްޙަކަމަށް އެއްބަސްވާން ޖެހެއެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަށްސަތޭކަ އަށްޑިހަނުވަ މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވާއިރު މުޅިން އަލަށް 2336 މީހުން މިފަހަރުގެ އިންތިޚާބުގައި ވޯޓުލާނެ ކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.