ސިޔާސީ

އިންޑިއާގެ ފޮރިންގ މިނިސްޓަރާ ރައީސް ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖާ ބައްދަލުކުރައްވައި ދެޤައުމުގެގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިންޑިޔާގެ ޚަރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި ދެބޭފުޅުންވެސްވަނީ ރާއްޖެއާއި އެޤައުމުގެ ޒަމާންވީ ގާތްގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ދެޤައުމުން އިސްކަންދޭ ކަންކަމުގައި އެކީގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

އިންޑިޔާގެ ޚަރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އެކަމަނާގެ އަރިހުގައި އިންޑިޔާ ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފްދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިވަފްދުގެ ބޭފުޅުންވަނީ ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ. އަދި އައިޖީއެމްއެޗް މަރާމާތުކުރުމަށް އިންޑިއާއިން އެހީދިނުމަށްވެސް އެއްބަސްވެފައިވެއެވެ.

އެކަމާގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ވަޒީރުންގެ މަޖިލީހުގެ އެހެނިހެން ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

އިންޑިއާގެ ޚަރިޖީވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ އެކަމަނާ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި ރައީސް ޞާލިޙްގެ ޒަޢާމަތުގައި ބޭރުގެ ވަޒީރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުވެސްމެއެވެ. އިންޑިއާއަކީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެއްވާ ޤައުމެކެވެ. ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1 ނޮވެމްބަރ 1965 ގައެވެ.