ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މެނިފެސްޓޯ ތަންފީޒުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަދާލަތު ޕާޓީއަށްވެސް އެކަށީގެންވާ މިންވަރަށް ގޮނޑި ލިބިގެންކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގައި އޮތް އެމްޑީޕީގެ ކެމްޕެއިން ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރައްޤީގެ މެނިފެސްޓޯ ތަންފީޒްކުރެވެން އޮތީ ޢަދާލަތު ޕާޓީއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކޮށްގެންކަމަށެވެ. އެކަންކުރެވޭނީ ޢަދާލަތުޕާޓީއަށްވެސް ރައްޔިތުންގެ މަޖިލީހުން އެކަށީގެންވާ މިންވަރަށް ތަމްސީލްކުރުމަށް ޖާގަލިބިގެންކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާންގެ ވާހަކަފުޅުގައި ރައްޔިތުންނަށް ގިނަ ކަންކަން ފުއްދައިދެވޭނީ މަޖިލީހުން ސަރުކާރަށް މެޖޯރިޓީ ލިބިގެންކަމަށާއި، އެހެންނޫނަމަ 2015ވަނަ އަހަރުގެ ޙާލަތަށް އެނބުރި ރުޖޫޢަވެ، ރައްޔިތުންނަށް ނިކަމެތިކަން ލިބިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޢަދާލަތުޕާޓީން އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރާނެކަމަށާ އެކަންކުރަނީ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށްކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އަދި ދެޕާޓީ ގުޅިގެން ރައްޔިތުންނަށް އުޖާލާ މުސްތަޤްބަލެއް ގެނެސްދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޢަދާލަތު ޕާޓީއާއި އެމްޑީޕީން ކުރިއަށްއޮތް ދުވަސްތަކުގައި ގުޅިގެން މަސައްކަތްކުރާނަން. އަދިވެސް އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރާނަން. ސަރުކާރަށް ފުރިހަމަ ތާޢީދު މަޖިލީހުން ހޯދައިދެވޭނެ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަދާލަތުޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ވަނީ އެމްޑީޕީން ވާދަކުރާ ބައެއް ދާއިރާތަކަށް އަދާލަތުޕާޓީގެ ފުރިހަމަ ތާޢީދު އޮންނާނެކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީންވެސް ޢަދާލަތު ޕާޓީގެ ކެނޑިޑޭޓުން ވާދަކުރާ ބައެއް ދާއިރާތަކަށް ތާޢީދުކުރާކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.