ސިޔާސީ

ހިލައާއި ހިލަވެލި ތިން އަހަރު ދުވަހުގެ މުއްދަތަށް މެދު ނުކެނޑި ލިބޭނެ ގޮތް ހަދަނީ


އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކާއި ހިލަ އާއި ހިލަވެލި ރާއްޖެ އެތެރެކުރުމަށް ލުއިފަސޭހަ އިންތިޒާމްތަކެއް އަންނަ ހަފްތާގައި ހަމަޖެހިގެންދާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ، ފިޔާ، އަލުވި އަދި ބިހާއި، ކާޑުގެ ބާވަތްތަކެވެ. އެ ބާވަތްތައް ރާއްޖެއަށް އެތެރެކުރަނީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އަހަރަކު އެއްފަހަރު ވެވޭ އެއްބަސްވުމުގެ ދަށުން. މިއީ ކޮންމެ އަހަރަކު އައުކުރާ އެއްބަސްވުމެކެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރު އޮތްއިރު އިންޑިއާއިން ރާއްޖެ އަށް އެތެރެކުރާ ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި އަދި ބިހުގެ ކޯޓާ ވަރަށް ބޮޑުތަނުން ވަނީ ދަށްކޮށްފައެވެ.

އެކަމަށް އިޝާރާތްކުރައްވާ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރުމުގައި ތިން އަހަރު ދުވަހުގެ މުއްދަތަށް ވަރަށް ލުއިފަސޭހަ ގޮތްތަކަކާއެކު އިންޑިއާ ސަރުކާރުން އަންނަ ހަފްތާގެ ތެރޭގައި ހަމަޖައްސައިދޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހައެއް ލިބިގެންދާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެ ތަކެތި މެދުކެނޑުމެއްނެތި ތިން އަހަރު ލިބިގެންދާނެކަމުގެ ޔަޤީންކަން ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

"މީގެ ކުރިން އަހަރަކު އެއްފަހަރު އެއްބަސްވާ އެއްބަސްވުމެއް އެއީ އަސާސީ ކާބޯތަކެތި އެތެރެކުރުމަށް. ނަމަވެސް މިހާރުގެ ސަރުކާރުން ކުރި މަސައްކަތުން ޔަޤީންކަމާއެކު ތިން އަހަރު ދުވަހަށް އެއްބަސްވުންތައް އެއްބަސްވަނީ. މިއީ ދިވެހި ރައްޔިތުން ބޭނުންވާ ކަމަކީ އަދި ޚިދުމަތަކީ،" ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާއިން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ދިނުން ހުއްޓާލާފައިވާ ހިލަޔާއި ހިލަވެލި ރާއްޖެއަށް އެތެރެކުރުން އަންނަ ހަފްތާއިން ފެށިގެން އަލުން ހުޅުވާލާނެކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރ އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ފާއިތުވި ތިން އަހަރު އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ހިލަ އާއި ހިލަވެލީގެ ކޯޓާ އިންޑިއާ އިން އާނުކުރުމުން އެ ދެބާތް އެތެރެކުރުން ހުއްޓުމަކަށް ވަނީ އައިސްފައެވެ. މިނިސްޓަރ ވިދާޅުވީ، އަންނަ ހަފްތާގެ ތެރޭގައި އިންޑިއާއި އެކުވެވޭ އެއްބަސްވުމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް އެކަމުންވެސް ދިވެހިންނަށް ލިބޭނެކަމަށެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް އެ ތަކެތި ހޯދުމުގައި ފަސޭހަވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަށް ކަންކަން ފަހިކޮށްދީ ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަންމި ސަރުކާރުން އަބަދުވެސް އިސްކަންދޭނެކަމުގެ ޔަޤީންކަންދެއްވާފައެވެ.