ރާއްޖޭގެ ރަށްތަކުގައި ހުރި އާސާރީ ތަންތަނާއި ގުޅޭ ލިސްޓު އެކުލަވާލުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެއެވެ.
އާސާރު އެކުލެވޭ ތަންތަނާއި، ތާރީޚާއި ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު ތަންތަނުގެ ގޮތުގައި ހެދުމާއި، އެފަދަ ތަންތަނާއި ތަކެތި ޙިމާޔަތްކުރުން އެންމެހާ ފަރާތްތަކަށް ލާޒިމުވާގޮތަށް ޤާނޫނީ ޒިންމާއެއް ކަނޑައެޅުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމަނާފައިވާކަމެކެވެ. މިކަމަކީ ރާއްޖޭގެ ތާރީޚާއި ތަރިކަ ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއާއި ގުޅޭ މަޢުލޫމާތުތައް ރައްކާކޮށްފައި ބެހެއްޓުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ޤާނޫނީ އޮނިގަނޑާއި ގުޅޭ ދެލިކޮޕީ އެކުލަވާލުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި ހުރި އާސާރީ ތަންތަނާއި ގުޅޭ ލިސްޓު އެކުލަވާލުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ މިތަންތަނާއި ގުޅޭގޮތުން ދިރާސާތައްކޮށް، މި ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރެވިދާނެ ކަންކަމާއި، އެތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކު ބެލެހެއްޓޭނީ ކިިހިނެއްތޯ ބެލުމުގެ މަސައްކަތްކަަމަށެވެ.
"ތަންތަނުގެ މެނޭޖްމަނޓް ޕްލޭނެއް އޮންނަން އެބަޖެހޭ. މިކަން ކުރަންވީ ސާފު ގޮތް މި ހޯދަނީ. އޭޖީގެ ލަފާވެސް އެބަހޯދަން. މިކަމުގެ ތެރެއިން ތަންތަނަށް ގެއްލުންދޭ މީހުންނާއި މެދު ޢަމަލުކުރާނި ގޮތްތައްވެސް ކަނޑައެޅޭނެ." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެރަށެއްގައި ހުރި އާސާރީ ތަންތަން ބަލެހެއްޓުުން ހަވާލުކުރާނީ، ލާމަރުކަޒީ އުސޫލުން އެރަށެއްގެ ކައުންސިލާކަމަށެވެ. އަދި މިކަން ކުރުމަށް ބޭނުންވާ އެހީތައް މިނިސްޓްރީގެ ތެރެއިން ފޯރުކޮށްދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަމުންދާކަމަށެވެ.
"މި މަސައްކަތް ކުރާއިރު، އެތަނަކުން އެތަނާއި ގުޅޭ ތާރީޚާއި މަޢުލޫމާތު ލިބޭނެގޮތަށް މަޢުލޫމާތު ބޯޑު ޖަހާނަން. އަދި ކައުންސިލްތަކުގެ ވެބްސައިޓްތަކުގައިވެސް އާސާރާއިގުޅޭ މަޢުލޫތު ހިމަނާނަން."މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ފަޅު ރަށްތައް ކުއްޔަށް ދިނުމުގައި އެފަދަ ރަށްތަކުގައި އާސާރީ ތަންތަން ހުރިތޯ ބަލާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ ރަށްތައް ކުޔަށްދޭއިރު ރަށާއި ގުޅޭ ސާރވޭއެއް ހެދުން ލާޒިމުކުރާގޮތަށް، ޑްރާފްޓްގެ ތެރެއިން ހަމަޖެއްސުމާއި ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓްރީއާ މަޝްވަރާކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ނިންމާ މަޖިލީހަށް ހުށައެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.