ޚަބަރު

ކޮމަންވެލްތުގައި އަލުން ބައިވެރިވުން ރިވިއުކުރުމަށް އެ ޖަމިއްޔާގެ ޓީމެއް ރާއްޖެ އަތުވެއްޖެ


ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ހުށަހެޅި ހުށަހެޅުން ރިވިއުކޮށް، ރާއްޖޭގެ ޙާލަތު ދެނެގަތުމަށްޓަކައި ކޮމަންވެލްތްގެ ޚާއްސަ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ވަޑައިގެން ވަފުދުގެ އެންމެ އިސްކޮށް އުޅުއްވަނީ އެޑްވައިޒަރ އެންޑް ހެޑް އޮފް އޭޝިޔާ، ޔޫރަޕް، ކެރިބިއަން އަދި ޕެސިފިކް އޮފް ކޮމަންވެލްތް ސެކެޓޭރިއެޓް އެލްބާޓް މެރިނާއެވެ.

މިވަފުދަށް ރާއްޖެއިން މަރުހަބާ ދެންނެވުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު ވަނީ ރާއްޖެއިން ކޮމަން ވެލްތާއި ގުޅުމަށް ބޭނުންވާ މިންވަރު ހިއްސާކުރައްވާފައެވެ.

ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާ ކުރިއަށް އޮތްތަނުގައި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، އިންސާނީ ހައްޤުތަށް ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން، ހަރުދަނާ ޑިމޮކްރަސީއެއް ޤާއިމުކުރުމުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ކޮމަންވެލްތާއި ގުޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަމެއްކަން ފާހަގަކުރައްވާ، ފޮރިންސެކެޓްރީވަނީ ރައީސްއާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މި މަޤްޞަދު ޙާސިލުކުރުމައްޓަކައި ކުރައްވަމުންދާ މަޝްވަރާތަކަށް އަލިއަޅުއްވާލައްވާފައެވެ.

ރާއްޖޭގެ ޙާލަތު ދެނެގަތުމަށްޓަކައި ކޮމަންވެލްތްގެ ޚާއްސަ ޓީމުން މިކުރާ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި ސިޔާސީ އިސްފަރާތްތަކުގެ އިތުރުން ރާއްޖޭގެ މީޑިއާގެ އިސް ފަރާތްތަކާއި ބައްދަލުކޮށް ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ހުށަހެޅި ހުށަހެޅުން ރިވިއުކުރުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖެ ކޮމަންވެލްތްގެ ގައުމެއްގެ ގޮތުގައި 34 އަހަރުވަންދެން އޮތުމަށްފަހު ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހުއެވެ. ކޮމަންވެލްތްގައި ދިވެހިރާއްޖެ އަލުން ބައިވެރިވުމަށް ހުށަހެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނަވާފައިވާ ވަޢުދުފުޅެކެވެ.