ރާއްޖޭގައި ފެތުމުގެ ޢީދުތައް ގިނަގިނައިން ބާއްވަންޖެހޭކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ސްވިމިން މޯލްޑިވްސްއިން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ގުޅިގެން ބ. އަތޮޅުގައި ބާއްވާ ފެތުމުގެ ޓުއަރއާބެހޭ މަޢުލޫމާތު ޙިއްސާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ސްވިމިންގ މޯލްޑިވްސްއިން އިސްނައިގެން ކުރިއަށްގެންދަން ނިންމާފައިވާ މި ޕްރޮގްރާމަކީ ތިމާވެއްޓަށް ހޭލުންތެރިކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ މީހަކީ ފަތަން ދަންނަ މީހަކަށް ހަދަން މަސައްކަތް ކުރަންޖެހޭކަމަށާއި ރާއްޖޭގެ މޫދުގެ ޤުދުރަތީ ރީތިކަން އެންމެ ފުރިހަމަ ގޮތުގައި ދެކިލުމަށް މޫދަށް އެރެންޖެހޭކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ، މި ހަރަކާތަކީ ވަރަށް ތަފާތު އަދި މީގެ ސަބަބުން ރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާނެ ފަދަ ހަރަކާތެއްކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިފަދަ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުންދޭނެ ކަމަށެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރާއްޖެ ބޮޑަށް މަޝްހޫރުވެފައި ވަނީ ހަނީމޫން ޑެސްޓިނޭޝަނަކަށް ކަމަށާއި ނަމަވެސް އެކަން ބަދަލުކޮށް ރާއްޖެއަކީ ފަތާލަން އެންމެ ރަނގަޅު ގައުމަށް ނުވަތަ ބައިސްކަލު ދުއްވަން އެންމެ ރަނގަޅު ގައުމަށް ހެދުންމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
އަންނަ މަހުގެ 2 ވަނަ ދުވަހުން 9 ވަނަ ދުވަހާ ހަމައަށް ބ. އަތޮޅުގައި ކުރިއަށްދާ މި ފެތުން ސްޕޮންސަރ ކޮށފައިވަނީ އެމްޓީސީސީންނެވެ. އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، މިފަދަ ކަންތައްތަކަށް އެކުންފުނީގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ.
ސުވިމް މޯލްޑިވްސްގެ ފަރާތުން އަލްއުސްތާޒު ހުސެއިން ޝަމީމް ވިދާޅުވީ، މި ހަރަކާތުގެ މަޤްސަދަކީ ރާއްޖޭގެ ރީތިކަމާ، ރާއްޖެއަކީ ފެތުމުގެ މަންޒިލެއްކަން ދުނިޔެއަށް އަންގައިދިނުން ކަމަށެވެ.
7 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފެތުމުގެ މި ހަރަކާތަކުގައި 8 މީހުންގެ ޓީމެއް ބައިވެރިވާއިރު، މިހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުންނަށާއި، ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ފަތުރުވެރިނަށްވެސް ހުޅުވާލާފައިވާކަމަށް މިހަރަކާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.