ބ. އަތޮޅުގެ ކުނީގެ ހާލަތު ދެނެގަނެ ކުނި ނައްތާލުމަށް ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީއާއި ބ. އަތޮޅު ކައުންސިލް ގުޅިގެން ބޭއްވި މި މަސައްކަތު ބައްދަލުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް ކްލީން އެންވަޔަރަމަންޓްގެ ޕްޖެކްޓް މެނޭޖަރ އަޙްމަދު ނިޒާމް ވިދާޅުވީ މިމަސައްކަތު ބައްދަލުވުމުގެ ސަބަބުން ބ. އަތޮޅުގެ ރަށްރަށުގައި ކުނި ނައްތާލުމަށް ހުރި ދަތިތަކާއި، ކުނި ނައްތާލުމަށް ރަށު ފެންވަރުގައި ޢަމަލުކުރަމުންދާ އުސޫލުތައް އޮޅުންފިލުވައި އެކަންކަމާމެދުވެސް މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ލިބިގެން ދިޔަކަމަށެވެ. ބ. އަތޮޅަކީ ކުނި ނައްތާލުމުގައި ރާއްޖޭގެ ނިސްބަތުން ރަގަޅު އަތޮޅެއްކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެގޮތް ހަމަޖެހިގެން ދިއުމަށް ކައުންސިލްތަކުން އެދޭކަމަށާއި، އެކަން ލަސްނުކޮށް ފެށުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން ދާކަމަށެވެ.
"ބައެއްރަށްރަށް އެބަހުރި ވަރަށް ރަގަޅަށް ކުނި މެނޭޖްކުރާ އަނެއްބައި ރަށްރަށް އުޅެނީ ފަށައިގަތުމުގެ މަރުހަލާގައި، ބައެއް ރަށްރަށް އެބަހުރި ކުނި ކޮށި އެހާ ރަނގަޅަށް މެނޭޖް ނުކުރެވޭ ރަށްރަށް، އެހެން ނަމަވެސް މި 13 ރަށުންވެސް ކޮންމެސް މިންވަރަކަށް މިމަސައްކަތް އަންނަނީ ކުރަމުން. މިކަން ރަގަޅު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކާ ރައްޔިތުން ގުޅިގެން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދާ އަތޮޅެއް ބ. އަތޮޅަކީ" މޯލްޑިވްސް ކްލީން އެންވަޔަރަމަންޓްގެ ޕްޖެކްޓް މެނޭޖަރ ވިދާޅުވިއެވެ.
މީގެ ކުރިންވެސް މިފަދަ ތަފާތު ބައްދަލުވުންތައް ބ. އަތޮޅުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިފަދަ ބައްދަލުވުންތަކުން ނަތީޖާ ޙާޞިލް ކުރުމުގައި ކައުންސިލްތަކަށް ބޭނުންވަނީ ބަޖެޓް ނޫންކަމަށާއި، ބޭނުންވަނީ ނައްތާނުލެވޭ ކުނި ބޭރުކުރެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިގެން ދިއުންކަމަށް މިއަދުގެ މިބައްދަލުވުމުގައި ބައިވެރިވި ކައުންސިލްތަކުގެ ރައީސުން ވަނީ ފާހަގަކުރައްވާފައެވެ.
ބ.އަތޮޅުގެ އިތުރުން މިއަދު މިފަދަ ބައްދަލުވުންތައް ނ. ރ. އަދި ޅ. އަތޮޅުގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ވެމްކޯއާ ގުޅިގެން މި 4 އަތޮޅުގެ ކުނި ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. މި 4 އަތޮޅުގެ ރަށްތަކުގައި އުފެދޭ ކުނި އެރަށްރަށުން ނަގައިގެން ގެންދިއުމަށް ހަމަޖެހިފައިވަނީ ރ. އަތޮޅު ވަންދޫއަށެވެ. ވަންދޫ އަކީ ނ. ރ. ބ. އަދި ޅ. އަތޮޅުގެ ރަށްރަށުން އުފެދޭ ކުނި ނަތާލުމަށް ޒަމާނީ ފެންވަރުގެ ވަސީލަތްތައް ޤާއިމުކޮށްފައިވާ ރަށެކެވެ.
ބ. އޭދަފުށީގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި ބ. އަތޮޅުގެ 13 ރަށުގައި ކުނި ނައްތާލުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.