މިއަދަކީ ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހެވެ. އެއްބައިވަންތަ ކަމުގެ ދުވަހަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ގައި ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ދިވެހިން ދައްކައިދިން އެއްބައިވަންތަކަމާ ގުޅުވައިގެން ފާހަގަ ކުރަމުންދާ ދުވަހެވެ. މިއަދަކީ ސުނާމީ ކާރިސާއަށް ދިހަ އަހަރުފުރޭ ދުވަހެވެ. އެއީ، މީގެ ދިހަ އަހަރު ކުރިއެވެ. ޑިސެމްބަރު މަހެއްގެ ސައްބީސްވީ އާދީއްތަ ދުވަހެވެ. އެހެން ދުވަސްތަކޭ އެއްފަދައިން އެދުވަހުވެސް ދިވެހިން އެމީހުންގެ ދުވަސް ފަށައިގަތީ އެފަދަ ނުރައްކާތެރިކަމެއް ކުރިމަތިވެދާނެ ކަމަށް ކުޑަކޮށްވެސް ހިތައް އަރުވައިގެނެއް ނޫނެވެ. އެހެން ނަމަވެސް އެދުވަހުގެ ހެނދުނު ނުވަގަޑި ތޭވީސް ވެގެން ދިޔައީ ރާއްޖޭގެ ތާރީޚުގައި ދިމާވި އެންމެ ހިތްދަތި އަދި ހިތާމަވެރި ދުވަހަކަށެވެ. އެތައް ޒަމާނެއް ވަންދެން ދިވެހިން އާރާސްތުކުރަމުން ދިޔަ ދިރިއުޅުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވީރާނާވެގެން ދިޔައީ ދިވެހިންގެ ލޯމަތިންނެވެ. ސުނާމީގެ ބިޔަ ރާޅުގެ އޮއެގައި ޖެހި ކަނޑުގައި އެތައް ދިވެހިން ގެނބިގެން ދިޔަ މަންޒަރަކީ އިއްޔެ ވީ ކަމެއްހެން މިއަދުވެސް ދިވެހިންގެ ހިތްތަކުގައި ކުރެހި ބިންވަޅު ނެގައިވާ މަންޒަރުތަކެވެ. މި ހިތާމަވެރި ކާރިސާގައި ރާއްޖެއިން 82 މީހަކު މަރުވެގެން ގޮސްފައިވާއިރު 26 މީހަކު ވީނުވީއެއް ނޭގި ގެއްލިފައިވެއެވެ. ސުނާމީއާއެކު ދިވެހިން ހާލުގައި ޖެހިގެން ދިއުމާއެކު ދިވެހިންގެ ފަރާތުން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ނަމޫނާ ދައްކަމުން އެކަކު އަނެކެއްގެ އަތާ އަތް ގުޅާލި މަންޒަރެވެ. ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ ލޯތްބާއި އެކުވެރިކަމާއި އެއްބަވަންތަކަން އަމަލީގޮތުން ފެނިގެންދިޔައެވެ. ދިވެހިން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔައީ ދިވެހިންގެ ތެރޭގައި އޮތް އެއްބަނޑު އެއްބަފާކަން މުޅި ދުނިޔެއަށް ނަމޫނާއެއް ގޮތުގައި ދައްކާފައެވެ. ސުނާމީ ކާރިސާގެ އަސަރު ރާއްޖޭގެ ނުވަ ރަށެއް ނޫން އެހެން ހުރިހާ ރަށަކަށް ކޮށްފައިވާއިރު 4 ރަށެއްވަނީ މުޅިން ވީރާނާވެފައެވެ. މީގެ ތެރޭގައި ތ. ވިލުފުށްޓާއި ރ. ކަނދޮޅުދުއާއި ދ. އަތޮޅު ގެމެންދޫގެ އިތުރުން މ. މަޑިފުށި ހިމެނެއެވެ. މި ރަށްރަށުގެ ތެރޭގައި ހިމެނޭ ކަނދޮޅުދޫ ރައްޔިތުން އެއަތޮޅު ދުވާފަރަށް ސަރުކާރުން ބަދަލުކޮށްފައިވާއިރު ވިލުފުށީ ރައްޔިތުންވެސް ވަނީ އަލުން އެރަށަށް ބަދަލުކޮށްފައެވެ. މި ދެރަށަކީ މިހާރު ސޭފް އައިލެންޑްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ދެރަށެވެ. ދ. އަތޮޅު ގެމެންދޫ މީހުން އެއަތޮޅު ކުޑަހުވަދޫއަށް ބަދަކޮލުކޮށްފައިވާއިރު މަޑިފުށީ މީހުން ސަރުކާރުންވަނީ އދ. މާމިގިއްޔަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން ސުނާމީގައި ހާލުގައި ޖެހުނު ބައެއް ރަށްރަށުގެ މީހުންނަށްވެސް އެހެން ރަށްރަށުން ބޯހިޔާވަހިކަން ހޯދައިދިނުމަށްފަހު އެރަށްރަށަށް މިހާރުވަނީ ބަދަލުކޮށްފައެވެ. މީގެ ތެރޭގައި ދ. ވާނީގެ ރައްޔިތުން ކުޑަހުވަދޫއަށް ލ. މުންޑޫ އަދި ކަޅައިދޫ މީހުން ލ. ގަމަށް ސަރުކާރުންވަނި ބަދަލުކޮށްފައެވެ. މީގެ އިތުރުން ސުނާމީގައި ގެދޮރު ހަލާކުވެ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތާއެކު މިހާރު މަސައްކަތް އެއްކޮށް ނިންމާ ނުލެވީ ހުރީ ފަންސާސް ހަ ގެ ކަމަށް ހައުސިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މި 56 ގޭގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ. ދިވެހިންގެ ދިރިއުޅުން އެތައް އަހަރެއް ފަހަތައް ޖައްސާލި ބޮޑު ކާރިސާއަށް ދިހަ އަހަރު މިއަދު ފުރޭއިރު އެދުވަހު ވެއްޓުނު ވަޅުގަނޑުން އަރައިގަނެ، އަނެއްކާވެސް ދިވެހިން މިވަނީ ޤައުމާއިގެން ކުރިއަށް ދާންފަށާފައެވެ.