ޚަބަރު

މިއަދަކީ ރާއްޖޭގެ ޤައުމީ ދުވަސް


މިއަދަކީ ރާއްޖޭގެ މިއަހަރުގެ ޤައުމީ ދުވަހެވެ. ޤައުމީ ދުވަސް ފާހަގަ ކުރެވެނީ
ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލު މަހުގެ ފުރަތަމަ ދުވަހެވެ. ޤައުމީ
ދުވަހަކީ ޕޯޗްކީޒުންގެ އަޅުވެތިކަމާ ދެކޮޅަށް ބޮޑުތަކުރުފާނު އިސްކޮށް ހުންނަވާ
ފެއްޓެވި ޖިހާދުން ނަޞްރުލިބުނު ދުވަހެވެ. ފަނަރަ އަހަރަށްވުރެ ދިގުމުއްދަތަކަށް
ރާއްޖެ އަޅުވެތިކޮށްގެން ތިބި ޕޯޗްގީޒުންނާ ދެކޮޅަށް އުތީމު މުހައްމަދު ތަކުރުފާނު
އިސްވެހުންނަވާ ކުރެއްވި ވަރުގަދަ ޖިހާދުން ދިވެހިންނަށް ނަސްރުލިބުނު ދުވަހަކީ
އެކެއް ރަބީއުލް އައްވަލް ނުވަސަތޭކަ އަށްޑިހަ އެކެކެވެ. ތާރީޚީ ލިއުންތަކުން
އެނގޭގޮތުގައި މިދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ފާހަގަ ކުރެވުނީ
ސުމުއްވުލް އަމީރު މުޙައްމަދު އަމީންގެ ވެރިކަމުގައި އެކެއް ރަބީއުލްއައްވަލް
ތޭރަސަތޭކަ ފަސްދޮޅަށް ފަސްވަނަ އަހަރުއެވެ.



މިއަދަކީ މިހާދިސާއަށް ހަތްދިހަ އެއް އަހަރު ފުރޭ ދުވަސްވެސްމެއެވެ. ދުވަހުގެ
މުނާސަބަތުގައި ޖުމްހޫރީ މައިދަނުގައި ހުރި ކޯއްޓޭއަށް ދިދަ ނެގުމުގެ ޚާއްޞަ
ރަސްމިއްޔާތެއް މިއަދު ހެނދުނު ހައެއް ޖެހިއިރު ވަނީ ބާއްވާފައެވެ. މިރަސްމިއްޔަތު
ޝަރަފްވެރި ކޮށްދެއްވީ ހޯމް މިނިސްޓަރ ޢުމަރު ނަސީރެވެ.

ރާއްޖޭގެ ޤައުމީ ދުވަސް
ފާހަގަކުރެވޭއިރު އަބަދުވެސް އުތީމުގެ މަތިން ހަދާންތައް އާކޮށްދެއެވެ. އެރަށަކީ
ޕޯޗުގީޒުންނާއި ދެކޮޅަށް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވަރުގަދަ
ޖިހާދެއްކުރެއްވި މަޝްހޫރު އުތީމު ތިންބެއިން އުފަންވި ފަސްގަނޑެވެ. އެރަށުގައި
އެބޭފުޅުން ދިރިއުޅުއްވި ގަނޑުވަރާއި އެހެން ހަދާންތައް މިއަދުވެސް ހަމަ
އެގޮތުގައި ފެންނަ އެބަހުއްޓެވެ.