ތިމާވެށި

ރާއްޖޭގައި ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް ގާއިމް ކުރަނީ


އަންނަ އަހަރުގެ ތެރޭގައި "ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް" ގާއިމް ކުރެވި ދުނިޔޭގެ ފެންވަރުގައި ކުނި ނައްތާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިގު  އިބްރާހީމް ވިދާޅުވެއްޖެއެވެ.ސްކައުޓް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ޕްލާސްޓިކް ފުޅި ރީސައިކަލް ކުރުމުގެ ޕްރޮޖެކްޓެ ނިންމާލުމުގެ ގޮތުން އަރަބިއްޔާ ސްކޫލުގައި މިރޭ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ކުނި ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި ކުނި ނައްތާލުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށާއި ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަމަކީ މިހާރު ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ އަތޮޅު ތެރޭ ރަށްތަކުގެ އިތުރުން މާލެ ސަރަހައްދަކީވެސް ވޭސްޓް މެނޭޖްމެންޓް ސިސްޓަމެއް އޮންނަން ޖެހޭ ސަރަހައްދެއް ކަމަށް ޤަބޫލުކުރައްވާކަމަށެވެ.ރާއްޖޭގެ އެންމެ ބޮޑު އާބާދީ ދިރިއުޅޭ މާލެ ސަރަހައްދުގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމް ކުރުމަށް އަންނަ އަހަރު މާލޭގެ ވޭސްޓް މެނޭޖްމެންޓް ޕްލޭންގެ މަސައްކަތް ނިމި އެ ޕްލޭން ތަންފީޒުކުރަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތޯރިގް ވިދާޅުވީ މާލޭގެ އިތުރުން ހުޅުމާލެއާ ވިލިމާލެ ސާފުތާހިރު ތަނެއްގެ ގޮތުގަތުގައި ބެހެއްޓުމަށް ރަނގަޅު ވޭސްމެނޭޖްމެންޓް ޕްލޭނެއް ހެދި އެ ޕްލޭންގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށެވެ.ރ. އަތޮޅާއި، ބ. އަތޮޅު އަދި ޅ. އަތޮޅުގެ އިތުރުން ނ. އަތޮޅުން ޖުމްލަ 45 ރަށެއްގައި އެކަށީގެންވާ ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް މިހާރު ތައާރަފުކުރަމުން ދާކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެ ޕްރޮޖެކްޓް އިފްތިތާޙް ކުރެވި ދުނިޔޭގެ ފެންވަރުގައި ކުނި ނައްތާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.