ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ޖުމްހޫރީ ޕާޓީގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް ޢިބްރާހީމް، ގެނައުމަކީ ޖުމްހޫރީ ޕާޓީން އެދޭކަމެއްކަމަށް އެޕާޓީން ބުނެފިއެވެ.
މަޖިލީހުގެ މިހާރުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅުމަށްފަހު، އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މަޖިލިސް އިދާރާ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖުމްޙޫރީ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ޝަޢުގުވެރިވެވަޑައިގަންނަވާކަން ޤާސިމް އިބްރާހީމް ރަސްމީ ސިފައެއްގައި ހާމަކުރައްވާފައި ނުވިނަމަވެސް، ޤާސިމް އެމަޤާމަށް ގެނައުމަކީ ޖުމްހޫރީ ޕާޓީން އެދޭކަމެއްކަމަށެވެ. އަދި އެކަމަށް އެޕާޓީން ތަރުޙީބުދޭނެކަމަށާއި، އެކަމަށް އެޕާޓީން ވަކާލާތުކުރާނެކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ގެންނާނެ ބޭފުޅަކާމެދު އިދިކޮޅު ކޯލިޝަނުން އަދި ވަކިގޮތެއް ނިންމާފައިނުވާކަމަށެވެ. ނަމަވެސް އެކަމުގެ މަޝްވަރާތައް މިހާރުވެސް ޕާޓީތަކުގެ މެދުގައި ކުރިއަށްދާކަމަށާއި، އެކަމަށް ވަކިގޮތެއް ކަނޑައަޅާނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ޕާލެމެންޓްރީ ގްރޫޕުން ބާއްވާ ބައްދަލުވުމަކަށްފަހު ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ޢަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން މަސީޙު ދުރުކުރުމަށްފަހު އެމަޤާމަށް ޤާސިމް އިބްރާހީމް ގެނެއުމުގެ ޝަޢުގުވެރިކަން ޖުމްހޫރީ ޕާޓީން ފާޅުކޮށްފައިވާއިރު، އެކަމަށް ހިތްވަރުދީ، ތާޢީދުކުރުމުގެ ގޮތުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ތަފާތު ޝުޢޫރުތައް ފާޅުކުރަމުންނެވެ.