އިދިކޮޅު ފަރާތްތަކުން އެމް.އެން.ޑީ.އެފް އުވާލާވާހަކަ ދައްކަނީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށްކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ "ނަޔާ" ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ވެރިކަމެއްގައި ދިވެހި ސިފައިންގެ ޚިދުމަތް ނިމުމަކަށް ގެންނަ ވާހަކަ ދައްކަނީ ރާއްޖޭގެ ސަލާމަތީ ކަންކަން އެމީހުން އެދޭ ބޭރުގެ ފަރާތަކާ ޙަވާލުކުރުމަށް ކަމަށެވެ. އަދި އެމީހުންގެ ރޭވުން ކާމިޔާބު ވެއްޖެނަމަ ދިވެހިންގެ މިނިވަންކަން ގެއްލިގެންދާނެކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ރިޔާސީ ވަޢުދުތަކަށް ބަލާލާއިރު ދިވެހިންނަށް ބޮޑު ނިކަމެތިކަމެއް ލިބޭފަދަ ކަންކަން ހިމެނޭކަމަށެވެ. އެގޮތުން ދައުލަތުގެ ވިޔަފާރި ކުންފުނި، އެސް.ޓީ.އޯގެ ވިޔަފާރި އަމިއްލަ ފަރާތްތަކާ ޙަވާލުކުރުމަށް އިދިކޮޅުން ގެންގުޅޭ ސިޔާސަތަކީ ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.
މިޖަލްސާގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ހޮވަންވީ ސިޔާސީ ވިސްނުމެއްގައި ނޫންކަމަށާއި، ޤައުމީ ވިސްނުމެއްގައި ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ދިވެހިންގެ މިނިވަންކަމާއި، އަމިއްލަވަންތަކަމަށް އުނިކަން އަންނަގޮތަށް ބޭރުގެ ނުފޫޒުތައް ބޭނުންކޮށްގެން ކުރަމުންދާ މަސައްކަތް ނާކާމިޔާބު ކޮށް، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ހޮވުމަކީ ޤައުމީ ކަމެއްކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.
ޕީޕީއެމްގެ ނަޔާ ގަޖަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ދެ ނާއިބުރައީސުން ކަމަށްވާ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގަތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މައްޗަންގޯޅިއަށް ނިސްބަތްވާ ޕީޕީއެމަށް ތާއީދުކުރާ ބައެއް މެމްބަރުން މި ޖަލްސާގައި ބައިވެރިވެފައިވެއެވެ.