ސިޔާސީ

ވެރިކަން ހަވާލުކުރަންވާނީ ދައުލަތް ހިންގުމުގެ ތަޖުރިބާހުރި މީހަކާ - ޑރ. ޝަހީމް


ރާއްޖޭގެ ވެރިކަން ޙަވާލުކުރަންވާނީ ދައުލަތް ހިންގުމުގެ ދާއިރާގައި ތަޖުރިބާހުރި ބޭފުޅަކާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ނުސީދާ ގޮތެއްގައި އިދިކޮޅު ކެނޑިޑޭޓަށް ނިސްބަތްކޮށް ޑރ. ޝަހީމް ވަނީ އިދިކޮޅު ކެނޑިޑޭޓުގެ ކިބައިގައި ހިންގުމުގެ ދާއިރާގެ އެކަށީގެންވާ ތަޖުރިބާ ނެތްކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގމޭޓްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ މަސްއޫލިއްޔަތެއް އަދާކޮށްފައިނުވާ ބޭފުޅަކާ ރާއްޖޭގެ ވެރިކަން ހަވާލުކޮށްގެން ނުވާނެ ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ދާއިރާގައި އެއްވެސް ތަޖުރިބާއެއް ނެތް މީހަކާ ވެރިކަން ހަވާލުކޮށްފިނަމަ ދެންވާނީ ކިހިނެތްތޯ ޑރ. ޝަހީމް ސުވާލުކުރެއްވިއެވެ.

"
"ޕަބްލިކް އެޑްމިނިސްޓްރޭޝަންގަ ދުވަހަކު މަސްޢޫލިއްޔަތު އަދާކޮށްފައިނުވާ މީހަކާ ދައުލަތެއް ޙަވާލުކޮށްފިއްޔާ ކިހިނެއްވާނީ؟ އަހަރުމެން ގޮވައިގެން ވަލަށްވެސް ވަދެދާނެ. ދިވެހި ދައުލަތް މިއޮތީ އެތައް ގޮންޖެހުން ތަކެއްގެ ތެރޭގައި. ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއް. މިދައުލަތުގެ ވެރިކަމާ ޤިޔާދަތުގައި ތިބެންޖެހޭމީ މިދައުލަތުގެ އިޤްތިޞާދު ނަގަހައްޓަން އެނގޭ މީހުންނާ، ދިވެހި ދައުލަތުގެ ދީން ޙިމާޔަތްކުރަން އެނގޭ މީހަކު."
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު

ދީނީ ރޮނގުން ޕީއެޗްޑީ ޙާސިލްކުރައްވައިގެން ހުންނެވި ރާއްޖޭގައި މިވަގުތުހުރި އެންމެ ނުފޫޒުގަދަ ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޤައުމުގެ ވެރިކަން ހަވާލުކުރަންވާނީ އެކަމަށް އެންމެ އެކަށީގެންވާ، ތަޖުރިބާ ހުރި މީހަކާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އެންމެ އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ބޭފުޅެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ 2013 ވަނަ އަހަރު ޙަވާލުވެވަޑައިގަތުމުގެކުރިން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްވަނީ 22 އަހަރުދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. އަދި ދައުލަތުގެ އެކި ވުޒާރާތަކުގެ ވަޒީރުކަން 14 އަހަރު ދުވަސްވަންދެއް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ. މީގެ އިތުރުން ދައުލަތުގެ އެންމެ ބޮޑެތި ކުންފުނިތައް ހިންގުމުގައާއި، އިޖްތިމާއީ ޚިދުމަތްތައް ކުރިއެރުވުމުގައިވެސް ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވަނީ އެތައް އަހަރުތަކެއް ހޭދަކުރައްވާފައެވެ.

ނަމަވެސް ޕީއެސްއެމްއިން ބެލިބެލުމުން އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް، ޕަބްލިކް އެޑްމިނިސްޓްރޭޝަންއާއި ސަރުކާރު ހިންގުމުގެ އެއްވެސް މަޤާމެއް އަދާކުރައްވާފައިވާކަން އެނގޭކަށް ނެތެވެ.

މިކަމަށް ނުސީދާ ގޮތެއްގައި އިޝާރާތް ކުރައްވައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަން ޙަވާލުކުރަން ޖެހޭނީ މިދައުލަތުގެ އިޤްތިޞާދު ނަގަހައްޓަން އެނގޭ، ދިވެހި ދައުލަތުގެ ދީން ޙިމާޔަތްކުރަން އެނގޭ މީހަކާ ކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ މިކަމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިސާލު ދައްކަވާފައިވާކަމަށެވެ. އަދި ރައީސް ޔާމީނަކީ ވެރިކަން ކުރުމުގެ ފުރިހަމަ ސިފަތައް ލިބިފައިވާ "ގަޓު ހުރި" ވެރިއެއް ގޮތުގައި ޑރ. ޝަހީމް ސިފަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން ޤާއިމުކުރާ ސަރުކާރަކީ ދޮޅުއަހަރުގެ ވަގުތީ ސަރުކާރެއްކަމަށް އެފަރާތްތަކުން އިޢުލާންކޮށްފައިވާތީ ޑރ. ޝަހީމް ވަނީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ މިފަދަ ސިޔާސަތުތާއެކު ރާއްޖެއަށް ދުވަހަކުވެސް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ. އަބަދުވެސް ޤައުމު އޮންނާނީ ސިޔާސީ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. ޝަހީމް ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.