ކުޅިވަރު

ފާޑުކިޔަސް ހެޔޮ، އޭނާ އަހަންނަށް އަނިޔާކުރި: ނޭމާ


އޭނާ ވެއްޓިފައި އޮއްވައި މެކްސިކޯގެ މިގުއެލް އޭނާގެ ކުޑަހުޅަށް ފައިން އަރާ ފިތާލި ކަމަށާއި، އެފަދަ އަނިޔާތައް އަބަދުވެސް ލިބެމުންދާކަމަށް ބްރެޒިލްގެ ތެރި ނޭމާ ބުނެފިއެވެ.

އޭނާ މިހެން ބުނީ މެކްސިކޯ 2-0 ން ބަލިކޮށް، ބްރެޒިލް ވަރލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދިޔަ މެޗަށް ފަހު މެކްސިކޯ ކޯޗު ދެއްކި ވާހަކަތަކަށް ރައްދު ދެމުންނެވެ. ނޫސްވެރިންގެ ވާހަކަތަކަށް ޖަވާބުދޭން ނޭމާ އުޅުމުން ބްރެޒިލްގެ ކޯޗު ޓިޓޭ ފުރަތަމަ އޭނާ ހުއްޓުވިއެވެ. ނަމަވެސް ފަހުން އެކަމަށް ހުރަސްނޭޅީ ނޫސްވެރިން ނޭމާގެ ބަހެއް ހޯދަން މާބޮޑަށް ޑިމާންޑް ކުރުމުންނެވެ.

"އަހަންނަށް ހެޔޮ ކިތަންމެ ފާޑުކިޔަސް. ބަލާ (އަހަރެންގެ ފައި). އެއީ ނޭނގި ކުރެވުނު ކަމަކަށްވުރެ ބޮޑަށް އަހަރެންނަށް އަނިޔާކުރަން ކުރި ކަމެއް،" މެގުއެލް އޭނާގެ ކުޑަހުޅަށް ފައިންއެރި ހާދިސާއާ ބެހޭ ގޮތުން ނޭމާ ބުންޏެވެ.

އޭނާ ބުނީ އެންމެ ފަހުން ބްރެޒިލް ކުޅުނު ދެ މެޗަށް ފަހުވެސް އޭނާ ނޫސްވެރިންނާ ވާހަކަ ނުދައްކާ ކަމަށާއި، ސަބަބަކީ އެއީ ކުރަން ކޮންމެހެން ބޭނުންވާ ކަމަކަށްނުވާތީ ކަމަށެވެ. ނަމަވެސް މިގުއެލް އޭނާގެ ފަޔަށް އެރިވާހަކަ ކިޔައިދޭން ބޭނުންވީ ހަގީގަތް އޮޅުވާލުމުން ކަމަށެވެ.

"އަހަރެންނަށް މައްސަލައެއްނެތް ކިތަންމެ ވަރަކަށް ފާޑުކިޔަސް. އަހަރެންނަށް ފާޑުކިޔަސް ތައުރީފް ކުރިޔަސް އަހަރެން އެކަމާ އަޅާނުލަން. އަހަރެން މިތަނުގައި މިހުރީ އަހަރެންގެ ޓީމު މޮޅުކޮށްދޭން. އަހަރެންގެ ޓީމުގެ ކުޅުންތެރިންނަށް އެހީތެރިވެދޭން. އަހަރެން މިދަނީ ކުރިއަރަމުން ރަނގަޅުވަމުން. މިއަދު މިލިބުނު މޮޅާމެދު އަހަރެން މިހުރީ ވަރަށް އުފަލުން." މުބާރާތުގައި މިހާތަނަށް ދެ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ ބުންޏެވެ.

ނަމަވެސް މެޗަށް ފަހު މެކްސިކޯގެ ކޯޗު ވަނީ ނޭމާގެ ނަން ނުބުނެ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އޭނާ ބުނީ ކަމެއްނުވަނީ ނޭމާ އެކްޓްކޮށް މެޗު ލަސްކުރަން އެތައް ފަހަރަކު މަސައްކަތް ކުރި ކަމަށެވެ.

"އަހަރުމެންނަށް ވަރަށް ގިނަ ވަގުތު ގެއްލިގެންދިޔަ އެއް ކުޅުންތެރިއަކާހުރެ. އަހަރުމެންނަށް އަހަރުމެންގެ ކުޅުމުގެ ސްޓައިލް ދެ ވަނަ ހާފުގައި ގެއްލިގެންދިޔަ ރެފްރީގެ ސަބަބުން. އެތައް ފަހަރަކު މެޗު ހުއްޓާފައި އޮތް. އެއްފަހަރު ހަތަރު މިނިޓްވަންދެން ވެސް މެޗު ހުއްޓާފައި އޮތް. އަހަރެން ކުޅުންތެރިންގެ އެކަމާ ވާހަކަ ދައްކައި ދައްކައި ވަރުބަލިވަމުންދިޔައީ. އަހަންނަށް ހީވަނީ މިއީ ދުނިޔޭގެ ފުޓްބޯޅަ އަށް ވެސް ލަދުވެތިކަމެއްހެން،" ކޯޗު ބުންޏެވެ.

ނަމަވެސް ބްރެޒިލްގވެ ކޯޗު ޓިޓޭވެސް ވަނީ ނޭމާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. ކޯޗު ބުނީ މެކްސިކޯގެ މިގުއެލް ނޭމާގެ ފަޔަށް އަރާ ފިތާލިތަން އޭނާއަށް ވީޑިއޯއިން ފެނުނު ކަމަށެވެ.