ފްރާންސް އަތުން ބަލިވެ ވޯލްޑްކަޕުން މެސީގެ އާޖެންޓީނާ ކަޓައިފިއެވެ. ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގައި ފްރާންސް އަތުން އާޖެންޓީނާ ބަލިވީ ހަތަރެއް ތިނަކުންނެވެ.
ގިނަ ކާޑުތަކަކާއި ގިނަ ގޯލްތަކެއް ފެނުނު މެޗުގެ ކުރީކޮޅު ލީޑް ނެގީ ފްރާންސުންނެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ އޮންޓުއާން ގްރީޒްމަނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެންޚެލް ޑިމާރިއާއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މެޗުގައި ފުރަތަމަ ފަހަރަށް އާޖެންޓީނާއިން ލީޑް ނެގީ މެސީ ފޮނުވާލި ހަމަލާ ޑިފެންޑަރު މަކާޑޯ ފައިގައި ޖެހިފައި ފްރާންސް ގޯލަށް ވަނުމުންނެވެ. ފްރާންސަށް ނަތީޖާ ހަމަހަމަކޮށްދިނީ ބެންޔަމިން ޕަވާޑް ޖެހި ހިތްގައިމު ގޯލުންނެވެ. ފްރާންސް މެޗުގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކިލިއަން އެމްބާޕޭއެވެ. އާޖެންޓީނާގެ ތިންވަނަ ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ ސާޖިއޯ އަގުއޭރޯއެވެ.
ވޯލްޑްކަޕްގެ ކުއާޓާރ ފައިނަލްގައި ފްރާންސް ނިކުންނާނީ އުރުގުއާއީ އަދި ޕޯޗުގަލް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.