ގްރޫޕްގައި މީގެ ކުރިން ކުޅުނު މެޗުތަކުގައި ކުޅުނު ފަދަ އެޓޭކިންގ ގޭމެއް ފްރާންސް މެޗުގައި ނުކުޅޭނެ ކަމަށް ޑެންމާކްގެ ކޯޗު އޯގް ހޯރައިދް ބުނެފިއެވެ.
ފްރާންސް އަތުން ބަލިނުވެ، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޔަޤީން ކުރުމުގެ ފުރުސަތު ލިބިފައިވާ ޑެންމާކް ޓީމުން މިމެޗުގައި ވަރަށް ބޮޑަށް ހުސް ޖާގަ ނުދޭން ވިސްނަން ޖެހޭ ކަމަށާއި، ހާއްސަކޮށް ޑިފެންސްލައިންގެ ފަހަތުން ޖާގަ ދީގެން ނުވާނެ ކަމަށްވެސް ކޯޗު ހޯރައިދް ބުންޏެވެ.
ފްރާންސާއި ދެކޮޅަށް ކުޅެން ޖެހޭނީ ވަރަށް ބެލެންސް ގޭމެއް ކަން ފާހަގަކުރަމުން ޑެންމާކްގެ ކޯޗު ބުނީ ފްރާންސް އާއި ދެކޮޅަށް ކުޅެވޭނީ ވަރަށް ވިސްނައިގެން ކަމަށެވެ.
"ޕެރޫ އާއި އޮސްޓްރޭލިއާ އާއި ބައްދަލުކުރި މެޗު ތަކުގައި ކުޅުފަދަ އެޓޭކިންގ ގޭމެއް ފްރާންސް އާއި ދެކޮޅަކަށް ނުކުޅެވޭނެ. ބޯޅަ ގެއްލުމާއެކު ހުސްޖާގަތައް ފުރާ ފްރާންސްއަށް ޓީމުގެ ޑިފެންސް ލައިން ފަހަތުން ޖާގަ ނުދީ ވޭތޯ ވަރަށް ބަލަން ޖެހޭ. ކުރިން މެޗުތަކުގައި އިދިކޮޅުން ކުޅުނު ޓީމުތަކަށް އެޖާގަ ދެވުނު. އެކަން މިމެޗުގައި ރަނގަޅު ކުރަން ޖެހޭ." ޑެންމާކް ކޯޗު ބުންޏެވެ.
ޑެންމާކަށް ފްރާންސް ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތުވެސް ވަނީ ފަހިވެފައެވެ. އެހެންނަމަވެސް މެޗުން ބަލިވެ މުބާރާތުން ކެޓުމަކީވެސް ދުރުކަމެއް ނޫނެވެ.
މިމެޗާ ބެހޭގޮތުން ފްރާންސް ކޯޗު ޑިޑިއޭ ޑިޝޯމް ބުނީ ދެވަނަ ބުރު ޔަޤީންވެފައި އޮތަސް މެޗަށް ނިކުންނާނީ މޮޅުވާންކަމަށެވެ. ގްރޫޕްގެ އެއްވަނަ ބޭނުންވާ ކަމަށާއި، އެކަން ދެ ނަތީޖާއަކުން ހާސިލްކުރެވުނު ނަމަވެސް މެޗަށް ނިކުންނާނީ މޮޅެއް ހޯދުމަށް ކަމަށެވެ.
"އަހަރުމެން މެޗަށް ނިކުންނާނީ ޑެންމާކަށް އެހީތެރިވެދޭކަށް ނޫން. ބޭނުންވަނީ ގްރޫޕްގެ އެއްވަނަ. ދެ ނަތީޖާއަކުން އެކަން ހާސިލްވިނަމަވެސް އަހަރެން އަހަރެންގެ ކުޅުންތެރިން ކައިރީ މިމެޗު ޑްރޯކޮށްލައިގެން ފުދެއެކޭ ނުބުނާނަން. ނިކުންނާނީ މޮޅުވާން. ޑެންމާކްވެސް މެޗު ފަށާނީ މޮޅު ވުމުގެ އަޒުމުގައި." ޑިޝޯމް ބުންޏެވެ.
ހަ ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނާގައި ފްރާންސް އޮތް އިރު، ގްރޫޕްގެ ދެވަނާގައި އޮތް ޑެންމާކްއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ގްރޫޕް ސީގެ ދެމެޗުވެސް ފަށާނީ ރާއްޖެ ގަޑިން މިރޭ 7 ޖަހާއިރުއެވެ. ޕީއެސްއެމްގެ ކަވަރޭޖް ހަވީރު 5:30 ގައި ފަށާނެއެވެ.