ކުޅިވަރު

އެސްޓީއޯވެސް ޕީއެސްއެމް ވަރލްޑްކަޕް ކަވަރޭޖްގެ ޕާރޓްނަރަކަށް!


ޕީ.އެސް.އެމް ފީފާ ވަރލްޑް ކަޕް ކަވަރޭޖާއި ސްޓޭޓް ޓްރޭޑިއަންގ އޮގަނައިޒޭޝަން އެސް.ޓީ.އޯ ގުޅިއްޖެއެވެ.

އެސް.ޓީ.އޯއިން ޕީ.އެސް.އެމްގެ ވަރލްޑް ކަޕް ކަވަރޭޖާ ގުޅުމުން ކަވަރޭޖަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ޕީ.އެސް.އެމްގެ ޑިރެކްޓަރ އޮފް އީ.ކޮމާސް އެންޑް މާކެޓިންގ އިމްރާހިމް ނަސްރީން ވިދާޅުވިއެވެ.
މިއަދު ޕީ.އެސް.އެމްގައި ބޭއްވި ރަސްމިއްޔާތުގައި އެސް.ޓީ.އޯ އާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނަސްރީން ވިދާޅުވީ ޕީ.އެސް.އެމުން މަސައްކަތް ކުރަމުން ދަނީ މިފަހަރުގެ ވަރލްޑް ކަޕް ކަވަރޭޖަކީ ވީހާވެސް ފުރިހަމަ އާއްމުންނާއި ގުޅިގެން ކުރިއަށް ގެންދާ ކަވަރޭޖަކަށް ހެދުމަށް ކަމަށާއި، އެސް.ޓީ.އޯ ގުޅުމުން މި ކަވަރޭޖް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ. އަދި އާއްމުންނަށް އެސް.އެމް.އެސް މެދުވެރިކޮށާއި އެހެންނިގެން ގޮތްގޮތުން ދެވޭ އިނާމުތައްވެސް އެސް.ޓީ.އޯ އާއި އެކު އިތުރުވެގެން ދާނެ ކަމަށެވެ.

" އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އާއްމުންނާ ވީހާވެސް ގުޅިގެން މިފަހަރުގެ ވަރލްޑް ކަޕް ކުރިއަށް ގެންދަން. މިގޮތުން މިހާރުވެސް ރާއްޖެ އާއި ހާއްސަކޮށް ގްރޭޓާ މާލެ ޒޯން ސަރަހައްދުގައި ނަގަމުންދާ ވޯލްޑް ކަޕް ފޯރި ކަވަރޭޖްގެ ތެރެއިން ގެނެސްދިނުމަށް މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންކަމަށް. އަދި އަޅުގަނޑުމެންގެ ޕްރޮޑަކްޝަން ޓީމުން މަސައްކަތްކުރަމުންދަނީ މިހާރު ދެމުންދާ އިނާމުތަކުގެ އިތުރުން ފުޓްބޯޅައިގެ ފޯރި ގަދަ ވަމުންދާ ވަރަކަށް އިނާމްތައް އިތުރުކޮށް، ދިވެހި ރައްޔިތުން ޝާމިލްކޮށްގެން މިފަހަރުގެ ވަރލްޑް ކަޕް ކަވަރޭޖަކީ އަދިވެސް އިތުރަށް ފުރިހަމަ ކަވަރޭޖަކަށް ހެދުމަށްކަމަށް. " ނަސްރީން ވިދާޅުވިއެވެ.

ނަސްރީން ދިވާޅުވީ އަދިވެސް ޕީ.އެސް.އެމްގެ ކަވަރޭޖާއި ގުޅެން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، އެކަމަށް އެދިލައްވާ ފަރާތްތަކުން ޕީ.އެސް.އެމްގެ ޓީމާ ގުޅުއްވުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.
އެއްބަސް ވުމުގައި އެސް.ޓީ.އޯގެ ފަރާތުން ސޮއިކުރެއްވީ އެސް.ޓީ.އޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ އަހުމަދު ޝިފާންއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވިމަށްފަހު ޝިފާން ވިދާޅުވީ ޕީ.އެސް.އެމް ވަރލްޑްކަޕް ކަވަރޭޖެ އިތުރަށް ފޯރިގަދަ ކުރުމަށް އެހީތެރިވެދެވޭނެ ކަމަށެވެ.

" އެސް.ޓީ.އޯއިން އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް މިފަހުވެސް ޕީ.އެސް.އެމާއެކު މިފަދަ ބޮޑު ހަރަކާތެއްގެ ބައިވެރިވުމުން މި ކަވަރޭޖް އިތުރަށް ފޯރިގަދަ ކުރުމަށް ޕީ.އެސް.އެމަށް މަގުފަހިވެގެންދާނެ. އަދި ޒުވާނުންނާއި ގުޅުންހުރި ހަރަކާތަކަށްވެފައި ފުޓްބޯޅަ އަކީ ދިވެހިރައްޖޭގެ ޤައުމީ ކުޅިވަރަށް ވުމުން މިފަދަ ބޮޑު ހަރަކާތެއްގެ ޕީ.އެސް.އެމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އެސް.ޓީ.އޭގެ ފަރާތުން ޕީ.އެސް.އެމަށް ޝުކުރު އަދާކުރަން. " ޝިފާން ވިދާޅުވިއެވެ.

ޕީ.އެސް.އެމް ވަރލްޑް ކަޕް ކަވަރޭޖްގެ ތެރެއިން ކޮންމެ މެޗެއްގެ ސްކޯ ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ސިމްޑީގެ ފަރާތުން ވަރަށް ހާއްސަ އިނާމެއް ދަނީ ދެމުންނެވެ. މީގެއިތުރުން ޕީ.އެސް.އެމް ވަރލްޑް ކަޕް ޓައިޓްލް ސްޕޮންސަރ އުރީދޫއިން ހުޅުވާލާފައިވާ ވޯލްޑް ކަޕް ކުއިޒްގެ ނަސީބުވެރި ފަރާތަކަށް އުވާވޭ ފޯނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޕީ.އެސް.އެމް ވަރލްޑް ކަޕް ކުއިޒްގެ ނަސީބުވެރި ދެ ފަރާތަކަށް ދުބާއިގައި ފަސްދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
ޕީ.އެސް.އެމް ވަރލްޑް ކަޕް ކަވަރޭޖްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ އަދިވެސް ހުޅުވާލެވިފައެވެ.