ސިޔާސީ

އިސްލާމްދީނުގެ ހިދާޔަތުގައި ނޫނީ ރާއްޖެއަށް ތަރައްޤީއެއް ނުގެނެވޭނެ - ޢަލީ ޢާރިފް


އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ނޫނީ ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީ އެންމެ ފުރިހަމަގޮތުގައި ނުގެނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފް ވިދާޅުވެއްޖެއެވެ.

ރުމާލު 2 ޖަގަހާގައި މިރޭ ޕީ.ޕީއެ.އެމުން ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ސްޕޯކްސް ޕަރސަންކަންވެސް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފް ވިދާޅުވީ، ޒަމާނުންސުރެ ބޭރު ދުނިޔޭގައި ދިވެހިރާއްޖެ މަޝްހޫރު ވެފައިވަނީ ވަރަށް އަމަންއަމާންކަން ޤާއިމުވެފައިވާ ސުލްޙަވެރި ޤައުމެއްގެގޮތުގައި ކަމަށެވެ. ނަމަވެސް މިއަދު ޒަމާން ބަދަލުވެ، ހުޅަނގުގެ ޑިމޮކްރަސީއާއެކު ރާއްޖޭގެ ޙާލަތު އެތައް ގުނައަކަށް ބަދަލުވެފައިވާކަމަށެވެ.

ޢާރިފް ވިދާޅުވީ، ކޮންމެ ޤައުމެއްގައިވެސް އޮންނަންވާނީ އެޤައުމެއްގެ ޙާލަތަށް ފެތޭ ޑިމޮކްރަސީއެއްކަމަށާ، އެނޫން ގޮތަކަށް ޑިމޮކްރަސީ ގެންނަންވެއްޖެނަމަ އެކަމުގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާ ސޫރިޔާއާއި، އަފްޣާނިސްތާންގެ އިތުރުން ބައެއް މުސްލިމް ޤައުމުތަކަށް ބަލާލުމުން ފެނިގެންދާކަމަށެވެ. އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކޮށް، ޤައުމުގެ ސުލްޙާ މަސަލަސްކަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ މި ސަރުކާރުން ކުރައްވަމުން ގެންދަވާ އެންމެ އަގުބޮޑު މަސައްކަތުގެ ގޮތުގައި ޢާރިފް ވަނީ ސިފަކުރައްވާފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖެދުށް އެންމެ ހިންގުންތެރި ލީޑަރަކީ ރައީސް ޔާމީން ކަމަށާއި، ތަރައްޤީގެ އުއްމީދީ ކުލަވަރުތަކާއެކު 5 އަހަރުގެ މި ދައުރުގެ ތެރޭގައި 5 ދައުރުގެ ތަރައްޤީ އެމަނިކުފާނު ރާއްޖެއަށް ގެންނަވާފައިވާކަމަށެވެ. އަދި ދިވެހިންގެ ފުދުންތެރިކަން އިތުރުކޮށް، ރާއްޖޭގެ ކުރިއެރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ފަހަތުގައި ސާބިތުކަމާއެކު ދެމިހުންނަވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކުޑަ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު ޕީ.ޕީ.އެމްގެ ރުމާލު 2 ޖަގަހައިގައި ބޭއްވި މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ދަޢުލަތުގެ ބައެއް ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. އެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި އެކި އެކި ދާއިރާތަކުން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި، ރާއްޖޭގެ ތަރައްޤީއަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައިވެއެވެ.