ޚަބަރު

ތިލަފުށީ ބިން ހިއްކުމަށް މަހާ ޖައްރާފު ތިލަފުށީގައި ބަނދަރުކޮށްފި


ތިލަފުށީގައި ޤާއިމުކުރާ އިންސިނަރޭޓަރު ބެހެއްޓުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރޯދަމަހުގެ ކުރިން ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނިން ބުނީ ތިލަފުށީ ބިން ހިއްކުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ އީއައިއޭ ހެދުމުގެ މަސައްކަތްކަމަށެވެ. އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މަހާ ޖައްރާފު ތިލަފުށްޓަށް ގެނެސްފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ތިލަފުށީގައި ޤާއިމުކުރާ އިންސިނަރޭޓަރު ބެހެއްޓުމަށް އެރަށު ފަޅުން 15 ހެކްޓާރު ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ވިހި ޓަނުގެ ކުނި އެއްފަހަރާ އަންދާލެވޭ ވަރުގެ އިންސިނަރޭޓަރެއް ތިލަފުށީގައި ޤާއިމްކުރަނީ ގްރޭޓަރ މާލޭ ސަރަޙައްދުގެ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުންކަމަށް ސަރުކާރުން ބުނެއެވެ. ތިލަފުށިން އަރާ ދުމުގެ ސަބަބުން ގްރޭޓަރ މާލޭ ސަރަޙައްދުގެ ރަށްތަކަށް ދިމާވެފައިވާ އެކި މައްސަލަތައް މި އިންސިނަރޭޓަރުގެ ސަބަބުން ޙައްލުވެގެންދާނެކަމަށެވެ.

ބިން ހިއްކާ މި އިންސިނަރޭޓަރު ޤާއިމްކުރެވެންދެން ތިލަފުށީގައި ވަގުތީ ގޮތުން ދަނީ ކުނި ދަނީ ބަންދުކުރަމުންނެވެ. އަދި މި ކަމަށް ޚާއްސަ ބެއިލިންގ ސިސްޓަމަކުން ކުނިވާ ޒާތުގެ ކުނި ބަންދުކޮށް އިންސިނަރޭޓަރު ޤާއިމްކުރެވެންދެން އެ ތަކެތި ބަހައްޓާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.