ޚަބަރު

ރައީސް އެންޓި-ޑިފެކްޝަންގެ ބިލް ތަސްދީގު ކުރައްވައިފި


ވަކި ސިޔާސީ ޕަޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް  ރައްޔިތުންގެ މަޖިލިހުން ފާސްކުރި އެންޓި-ޑިފެކްޝަންގެ ބިލާއި ފަނޑިޔާރުންގެ ޤާނޫނަށް ހުށެހެޅި އިސްލާޙު ރައިސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިއެވެ.

އެންޓި-ޑިފެކްޝަންގެ ޤާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށްވާއިރު، ރައްޔިތުންގެ މަޖިލީހަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާ ޔަޤީންކަން ލިބިގެންވާ ތަނަކަމަށް ހެދުމަށް ހަދާފައިވާ ޤާނޫނެކެވެ. މި ޤާނޫނުގައި ބުނެފައިވަނީ، ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ނިޒާމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގައި އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަމަށެވެ.

މި ޤާނޫނުގައި މަޖިލީހުގެ ގޮނޑި ނުގެއްލޭނެ ޙާލަތްތަކެއްވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާގޮތަށް މަޖިލީހުގެ މެންބަރުކަމަށް ވާދަކޮށްގެން މިނިވަން މެންބަރެއްގެ ގޮތުގައި އިންތިޚާބުވި މެންބަރަކު، އެ މެންބަރަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމުން ގޮނޑި ނުގެއްލޭނެއެވެ. އަދި މެމްބަރަކު އެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ވިޕް-ލައިނާ ޚިލާފުވުމާއި އެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން އެ މެމްބަރަކާމެދު ސުލޫކީފިޔަވަޅު އެޅުމަކުން އެ މެމްބަރެއްގެ ގޮނޑި ނުގެއްލޭނެކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެ ހުކުމެއް ކަނޑައެޅޭ ވަގުތުންފެށިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިވާގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހަށް ގެނައި އިސްލާހުވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުގައިވާގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ދަޢުވާއެއް އުފުލައިފިނަމަ އޭނާގެ މައްޗަށް ހުކުމެއް ކަނޑައަޅަންދެން މުސާރަ ނުލިބޭގޮތަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން އެ ފަނޑިޔާރަކު ސަސްޕެންޑްކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާޢީ ކުށަކާ ގުޅިގެން ދަށު ކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތުއުނާފު ކުރުމަށް ހުށައެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމާ ތާރީޚުން ފެށިގެން ދިހަ ދުވަސްކަމަށް ބިލްގައި ހިމަނާފައިވެއެވެ. މީގެ އިތުރުން އެ ހުކުމް އިސްތިއުނާފްކުރުމަށް އެ ފަނޑިޔާރެއްގެ ފަރާތުން ހުށައަޅައިފިނަމަ އެ މައްސަލައެއް ހުށައަޅާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއްބަލާ ގޮތެއް ނިންމަންވާނެކަމަށްވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލްގައިވެއެވެ. އަދި ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާޢީ ކުށަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައި ކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށައެޅުމުގެ މުއްދަތަކީވެސް މައްސަލަ ނިންމި ތާރީޚުން ފެށިގެން 10 ދުވަސްކަމަށާއި، ސުޕްރީމް ކޯޓަށް އެ މައްސަލައެއް ހުށައަޅާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި މައްސަލަބަލާ ގޮތެއް ނިންމަންޖެހޭނެކަން ބަޔާން ކޮށްފައިވެއެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ޝަރުޢީ ކޯޓަކުން ހުކުމެއް ކަނޑައަޅާ ވަގުތުންފެށިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިވާނެކަމަށްވެސް ފަންޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުތަކުގައިވެއެވެ.