މިއަހަރުގެ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، މިއަދު ދުބާއީއަށް ފުރާވަޑައިގެންފިއެވެ.
މިއަހަރުގެ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު، ދުބާއީ އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މިފަހަރުގެ އިންވެސްޓްމެންޓް ފޯރަމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށެވެ. އެއީ ރާއްޖެއާއި ދުބާއީގެ ވަޒީރުން ބައިވެރިވެވަޑައިގެން ބާއްވާ ޚާއްޞަ އިފްތިތާޙީ ސެޝަނަކާއި، ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާދެމެދު މަޝްވަރާކޮށް ވިޔަފާރިތައް ތަޢާރަފްކުރުމަށް ބާއްވާ ސެޝަނެއްގެ އިތުރުން ގާލާ ޑިނަރއެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އެންމެ ފުރަތަމަ އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވަނީ ސިންގަޕޫރުގައެވެ. އޭގެ ފަހުން ބެއިޖިންގއާއި ނިއުދިއްލީގައިވެސް މި ފޯރަމް ވަނީ ބާއްވާފައެވެ. މި ތިން ފޯރަމަކީވެސް ވަރަށް ކާމިޔާބު ފޯރަމްތަކެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ހޯމަ ދުވަހު ދުބާއީގައި ފެށުމަށް ހަމަޖެހިފައިވަނީ ހަތަރުވަނަ އިންވެސްޓްމެންޓް ފޯރަމެވެ.
މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމަކީ ވިޔަފާރިއާއި އިޤްތިޞާދު އިތުރަށް ފުޅާކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުޞަތުތަކާގުޅެ މަޢުލޫމާތު ބައިނަލްއަޤްވާމީ އިންވެސްޓަރުންނާ ހިއްސާކޮށް، ރާއްޖޭގެ ވިޔަފާރިވެރީންނާއި ބޭރުގެ ވިޔަފާރިވެރީންނާ ދެމެދު ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ ފޯރަމެކެވެ.