ޚަބަރު

ދަރުމަވެރިންގެ ޚިދުމަތުގެ އަގު ސަރުކާރުން ވަޒަންކުރާނެ- މިނިސްޓަރ


ދަރުމަވެރިންގެ ޚިދުމަތް ބަލައިގަނެ ސަރުކާރުން އެޚިދުމަތުގެ އަގު ވަޒަންކުރާނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު މިހެން ވިދާޅުވީ، ޤައުމީ ފެންވަރެއްގައި ދަރުމަވެރިންގެ ދުވަސް ފާހަަގަކުރުމުގެ ޙަރަކާތްތައް ފެށުމުގެ ގޮތުން މާލޭގައި ކުރިއަށްދިޔަ ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދަރުމަވެރިންގެ ދުވަސް، ނުވަތަ އިންޓަނޭޝަނަލް ވޮލަންޓިއަރސް ޑޭއެވެ. މިދުވަސް ފާހަގަކުރަން ނިންމާފައިވަނީ 1985 އަހަރުގެ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހު އދ އިން ފާސްކުރި ޤަރާރަކުންނެވެ.

މިއަހަރުގެ ދަރުމަވެރިންގެ ދުވަސް ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މިދުވަހުގެ ޙަރަކާތްތައް ފެށުމުގެގޮތުން މިއަދު ވަނީ މާލޭގައި ޚާއްޞަ ސާފުކުރުމުގެ ޙަރަކާތެއް ހިންގާފައެވެ. މިނިސްޓްރީއޮފް ހޯމް އެފެއާޒާއި މިނިސްޓްރީއޮފް ޔޫތް އެންޑް ސްޕޯޓްސް ގުޅިގެން ހިންގި މިޙަރަކާތުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޔަތްތަކުގެ އިތުރުން ދިވެހި ސިފައިންނާއި ފުލުހުންވެސް ބައިވެރިވިއެވެ.

މިހަރަކާތުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ދަރުމަވެރިންގެ ޚިދުމަތް ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރިއަށްދިޔަނަމަވެސް، މިހާތަނަށް އައި އިރުވެސް އެންމެ އެކަށޭނެގޮތަކަށް އެ ޚިދުމަތުގެ އަގުވަޒަންކުރެވިފައި ނުވާކަމަށެވެ. އަދި އެއްވެސް އުޖޫރައަކަށް ބެލުމެއްނެތި ދަރުމަވެރިން ކުރާ މިފަދަ މަސައްކަތް ޤައުމީ ފެންވަރެއްގައި ބަލައިގަތުމަކީ ވަރަށްވެސް މުހިންމު ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15133384157598.jpg|ދަރުމަވެރިންގެ ދުވަސް ފާހަަގަކުރުމަށް މާލޭގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން- ފޮޓޯ: ހޯމް މިނިސްޓްރީ

މިނިސްޓަރ ވިދާޅުވީ، މާލެ ސާފުކުރުމުގެ ހަރަކާތުގެ މައިގަނޑު ބޭނުމަކީ ދަރުމަވެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް ދޭދޭ ފަރުދުންގެ ގުޅުން ބަދަހިކުރުންކަމަށެވެ. އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ނިންމަވާފައިވަނީ  ދަރުމަވެރިކަމުގެ މަސައްކަތުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކޮށް މިމަސައްކަތް އިތުރަށް ފުޅާކުރުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދަރުމަވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ކުރިއަށްގެންދާ ޙަރަކާތްތަކުގެ މައުލޫމާތު ފީއެސްއެމް ނިއުސްއަށް ދެއްވަމުން ޔޫތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ އަޙްމަދު ވިދާޅުވީ ދަރުމަވެރިންގެ ދުވަސް ޤައުމި ފެންވަރެއްގައި ފާހަގަކުރުމަށް ގިނަ ޙަރަކާތްތަކެއް ރާވާފައިވާއިރު، މިރޭ ޒުވާނުންގެ މަރުކަޒުގައި ދަރުމަވެރިންގެ މަސައްކަތް ފާހަގަކުރުމަށް ޚާއްސަ ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ހަފްލާގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފައިސާގެ އެހީ ހަވާލުކުރުމަށް ރާވާފައިވާކަމަށްވެސް ޢަލީ ޒަކީ އަޙްމަދު ވިދާޅުވިއެވެ.

ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، ދަރުމަވެރިން މުޖުތަމަޢަށް ކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކޮށް މިފަދަ ކަންކަމަށް ހިތްވަރު ދިނުމެވެ. އެގޮތުން މި އަހަރުގެ ދަރުމަވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ " ވޮލަންޓިއަރސް އެކްޓް ފަސްޓް، ހިއަރ، އެވްރި ވެއަރ"  ނުވަތަ "އެންމެ ފުރަތަމަ މިތާ އަދި ހުރިހާ ތަނެއްގައިވެސް ފިޔަވަޅު އަޅާނީ ދަރުމަވެރިން" މި ޝިއާރެވެ. ދަރުމަވެރިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން 2016 ނަވަ އަހަރު ވަނީ ދަރުމަވެރިންނަށް ޒުވާނުންގެ އިނާމު ދޭންފަށާ މި ޚިދުމަތް ޤައުމީ ފެންވަރެއްގައި ފާހަގަ ކުރަން ފައްޓަވާފައެވެ.