ކުޅިވަރު

ފުވައްމުލަކު ވޮލީ މުބާރާތް ފަށައިފި


ފުވައްމުލައް ސިޓީ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އަފުން ޓީމް ކާމިޔާބުކޮށްފިއެވެ. 

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު އަފުން ޓީމް ކާމިޔާބުކުރީ އެމްއެންޑީއެފާއި ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ސެޓު އަފުން ޓީމް ކާމިޔާބުކުރީ 25-19 ނެވެ. ބިދޭސީ ކުޅުންތެރިޔަކާއި ނުލައި ކުޅުނު އެމްއެންޑީއެފުން ދެވަނަ ސެޓު ކާމިޔާބުކުރީ 22-25 ނެވެ. ރާއްޖޭގެ ބާރު ޖެހުންތެރިޔާ އިސްމާއިލް ސާޖިދާއި އިންޑިޔާގެ މަންދީދް ސިންގގެ ބާރު ހަމަލާތަކާއިއެކު އަފުން ޓީމުން ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ކާމިޔާބުކުރީ 25-20 އަދި 25-21 ނެވެ. 

މެޗަށްފަހު އަފުން ޓީމްގެ ކޯޗު ޝިއާން ޝަފީގު ބުނީ ޓީމުގެ ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށާއި، މިއަށްވުރެ މި ޓީމް އަދި ތަފާތުވާނެކަމަށެވެ. ބިދޭސީ ކުޅުންތެރިޔާ މަންދީދު ސިންގ ދިގު ދަތުރެއްކުރުމަށްފަހު އޭނާއަށް އެކަށީގެންވާ ރެސްޓް ނުލިބުމުގެ ސަބަބުން އޭނާގެ އެންމެ މޮޅު ކުޅުން ނުފެނުނުކަމަށްވެސް ކޯޗު ބުންޏެވެ.

މެޗުން ބަލިވި އެމްއެންޑީއެފްގެ ކޯޗު މުމްތާޒު އަލީ ބުނީ މި މުބާރާތަކީ ކުރިއަށް އޮތް ޤައުމީ މުބާރާތަށް ތައްޔާރުވުމަށް ޓީމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށާއި، މި މުބާރާތުގެ މައިގަނޑު ބޭނުމަކީ ރަނގަޅު ޓީމެއް ބިނާކުރުންކަމަށެވެ. ފުވައްމުލަކުގައި އެމްއެންޑީއެފުން ކުރިއަށްދާ ތަމްރީން ކޭމްޕްގެ ތެރެއިން މި ލިބުނު ފުރުސަތަކީ ޓީމްގެ ހާލަތު ދެނެގަނެ ޓީމްގެ ރަނގަޅުކުރަން ހުރި ކަންތައްތައް ބެލުމަށް ލިބުނު ރަނގަޅު ފުރުސަތެއްކަމަށް ކޯޗު ބުންޏެވެ.

img:http://s1.psmnews.mv/images/660x400/15101561849696.jpg|މެޗުގައި ސިފައިންގެ އެޓޭކެއް ހުއްޓުވަން އަފުންގެ ޓީމުން މަސައްކަތްކުރަނީ: ފޮޓޯ-ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިއަށްގެންދާ މިމުބާރާތަކީ ރާއްޖޭގައި މިހާރު ކުރިއަށްގެންދާ އެންމެ ފޯރިގަދަ އެއް ވޮލީބޯޅަ މުބާރާތެވެ. ޚާއްޞަކޮށް މާލެއިން ބޭރުގައި ބޭއްވޭ އެންމެ ފޯރިގަދަ މުބާރާތެވެ. މިމުބާރާތުގައި ވާދަކުރާ ޓީމްތަކަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނާއި، ޞަރަހައްދުގެ މޮޅު ކުޅުންތެރިން ކުޅެއެވެ. އަދި ޤައުމީ ޓީމްގެ ކޯޗުންނާއި، ބޭރުގެ ކޯޗުންވެސް އިރުޝާދުދެއެވެ.

މިއަހަރުގެ މުބާރާތް މިމަހުގެ 16 ވަނަ ދުވަހުގެރޭގެ ނިޔަލަށް ފުވައްމުލަކުގައި ކުރިއަށްދާނެއެވެ.